overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫ ރައީސް ޔާމީނަށް: ނިންމުން ބަލައިގަނެ، ސަރުކާރު ބަދަލުކުރަން އެހީވޭ

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބްގެ ނަތީޖާ ސުޕްރީމް ކޯޓުން ދެމެހެއްޓުމާ ގުޅިގެން ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި ސަރުކާރު ބަދަލުވުމުގެ މަރުހަލާ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ގޮވާލައްވައިފި އެވެ.

އިންތިހާބް ބާތިލް ކުރުމަށް މިމަހު 10 ވަނަ ދުވަހު ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވެއްދި މައްސަަލައިގެ ހުކުމް މިއަދު ވަނީ އިއްވާފަ އެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ ރައީސް ޔާމީން ހުށަހެޅުއްވި ކަންކަން ސާބިތުކުރަން ހަރުދަނާ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އިބޫ އާއި ރައީސް ޔާމީންއާ ދެމެދު ވޯޓްގެ ފަރަގު ވަރަށް ބޮޑު ކަމަށާއި އެހެން ކަމުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.

އެކަމާ ގުޅިގެން އިބޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އިންތިހާބުގެ ނަތީޖާއާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ޝައްކުތައް މިއަދު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލައަކީ ފެށުނީއްސުރެ ބާތިލް މައްސަލައެއް ކަމަށާއި އިންތިހާބް ބާތިލް ކުރާ ވަރުގެ މައްސަލައެއް ނެތް ކަަމަށެވެ. އެއީ އިންތިހާބްގެ ބަލި ގަބޫލު ނުކުރެވުމުން ވެއްދި މައްސަލައެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

"ސުޕްރީމް ކޯޓުގެ ނިންމުމާއެކު ސަރުކާރު ބަަދަލުވުމުގެ މަރުހަލާ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ގައުމުގެ ރައްޔިތުން ދެކޭ، ރައީސް ޔާމީނަށް ގޮވާލަނީ ރައްޔިތުންގެ ރައްޔިތުންގެ ނިންމުން ބަލައިގަނެ ޓްރާންސިޝަންގެ މަސައްކަތް އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމަށް،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، އިންތިހާބުގެ ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދޭނެ ކަމެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ޑެމޮކްރަސީ ގާއިމް ކުރުމުގެ އިތުރުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ސުލްހަވެރި އަމާން މުޖުތަމައެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އިބޫ މިގޮތަށް ގޮވާލައްވާފައިވާއިރު، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް ވަނީ ސުޕްރީމް ކޯޓުގެ ހުކުމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ދެން އޮމާން ކަމާއެކު ކުރިއަށް ދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓްގެ ނިންްމެވުމާއެކު އިލެކްޝަން ކޮމިޝަނުން ވަނީ އިބޫ އަންނަ މަހު 11 ގައި ހުވާ ކުރަން ހުރަހެއްނެތް ކަމަށް އެކޮމިޝަނު މެންބަރުންގެ އިއްތިފާގުން ނިންމަވާފަ އެވެ.