overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބާ ބެހޭ މައްސަލަތައް ޕޮލިހަށް ހުށަހަޅާނަން: ސައީދު

Oct 21, 2018
20

މިދިހަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އެކަންކަން ޖިނާއީ މައްސަލައެއް ގޮތުގައި ބެލުމަށް ޕީޕީއެމްއިން ފުލުހަށް ހުށަހަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިންތިހާބު ބާތިލުކުރާނެ ޖާގައެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމް ކުރުމުން ޕީޕީއެމްގެ ކައުންސިލް ވައިބާ ގުރޫޕް ތެރޭގައި ދެކެވުނު ޗެޓްލޮގެއް ވަނީ ލީކްވެފަ އެވެ. އެ ޗެޓްލޮގްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމުން ޖިނާއީ ތަހުގީގަށް އޮތް ފުރުސަތު ބަންދު ނުވާ ކަމަށެވެ. އިންތިހާބާ ބެހޭ މައްސަލަތައް ޕާޓީގެ ފަރާތުން ޕޮލިހަށް ހުށަހަޅާނެ ކަމަށްވެސް ސައީދު ވިދާޅުވެފައިވެއެވެ. އެކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވަނީ އެއީ ރަނގަޅު ވާހަކައެއް ކަމަށް ވިދާޅުވެ، ސައީދުގެ ވާހަކަތަކަށް ތާއީދުކޮށްފަ އެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޗެޓް ލޮގަކީ އަސްލު ލޮގެއްކަން ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވަނީ ކަށަވަރުކޮށް ދެއްވާފަ އެވެ. އަބްދުލްރަހީމް ވެސް ވަނީ މައްސަލަތައް ފުލުހަށާއި ކޮރަޕްޝަންގެ މައްސަލަތައް އެހެން އިދާރާތަކަށް ހުށަހެޅޭނެ ޖާގަ ހުކުމުން ދީފައިވާތީ އެކަން އެ ޕާޓީއިން ކުރާނެ ކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވީ ޕާޓީގެ އެއްވެސް މެންބަރަކު މާޔޫސްވާން ނުޖެހޭ ކަމަށާއި ރައްޔިތުންގެ ހައްގުތައް ހޯދައި އިންސާފު ހޯދުމަށް ދާން ޖެހުނު ކޮންމެ ދިމާލަކަށް ޕީޕީއެމްއިން ދާނެ ކަމަށެވެ. އަދި އެ ޕާޓީއަކީ ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރާ ޕާޓީއެއް ކަމަށެވެ.

ވައިބާ ޗެޓްލޮގްގައި ސުޕްރީމް ކޯޓް އަމުރުލުމާއެކު ރައީސް އަބުދުﷲ ޔާމީން ވަނީ އެއްވެސް ބޭފުޅަކު މާޔޫސްނުވުމަށް ވިދާޅުވެފަ އެވެ. އަބްދުލްރަހީމް ވިދާޅުވީ އެއީ ރައީސް ޔާމީން ކައުންސިލް މެންބަރުންނަށް ދެއްވި ހިތްވަރެއް ކަމަށެވެ.

ޗެޓްލޮގްގައި އިތުރަށް ވާހަކަ ދައްކާފައިވަނީ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބުރާހީމް ފަލާހު އެވެ. ފަލާހް ވިދާޅުވީ، ކަމެއް ރަނގަޅަށްކުރާނަމަ މިރޭ ޕީޕީއެމްގެ ކައުންސިލް ކުއްލި ބައްދަލުވުމެއް ބާއްވައި ޕީޕީއެމް އުވާލަން މާދަމާ އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ނިންމަވީ ކަމަށެވެ.

ފަލާހް އެގޮތަށް ވިދާޅުވުމުން ރައީސް ޔާމީންވަނީ "ފަލާހް، ވަޓް؟" ވިދާޅުވެ އެއަށް ރިޕްލައި ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ އިންތިހާބު ބާތިލްކުރަން ރައީސް ޔާމީން ހުށަހެޅުއްވި ކަންކަން ސާބިތުކުރަން ހަރުދަނާ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އިބޫ އާއި ރައީސް ޔާމީންއާ ދެމެދު ވޯޓްގެ ފަރަގު ވަރަށް ބޮޑު ކަމަށާއި އެހެން ކަމުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.