ދުނިޔެ

ސަރަހައްްދީ ރޮނގުގައިވާ ހަތިޔާރުތައް ނަގަން ދެކޮރެއާއިން އެއްބަސްވެއްޖެ

އުތުރުކޮރެއާއާއި ދެކުނު ކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ ހަތިޔާރުތަކާއި ގާޑްޕޯސްޓްތައް ނަގަން އެ ދެގައުމާއި އެ ސަރަހައްދުގެ ކަންތައްތައް ބަަލާ އދ.ގެ ކޮމާންޑުން އެއްބަސްވެއްޖެއެވެ.

ސުލްހައިގެ އަވަށުގެ ގޮތުގައި ދެކޮރެއާއިން ބަލަމުން އަންނަ ޕަންމުންޖޮމް ހަތިޔާރުތައް ނަގައި ގާޑްޕޯސްޓްތައްް ނައްތައިލަން ތިން ފަރާތުން އެއްްބަސްވިކަން ހާމަކުރެއްވީ ދެކުނުކޮރެއާގެ ޑިފެންސް މިނިސްޓްރީންނެވެ. މިއީ ދެކޮރެއާ ދެމެދު ގުޅުން ބަދަހިކުރުމަށް އެންމެ ފަހުން އެޅި ފިޔަވަޅެވެ.

ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައި އަސްކަރީ ހަރަކާތްތައް ހިންގުން ހުއްޓައިލަން ދެގައުމުން ދާދިފަހުން އެއްބަސްވި އެއްބަސްވުމަށް އަމަލުކުރުން އަވަސްކުރުމަށް އެ ދެގައުމާއި އދ.ގެ އޮފިޝަލުން މަޝްވަރާތައް ބޭއްވީ ޕަންމުންޖޮމް އަވަށުގައެވެ. އެ މަޝްވަރާތަކުގައި ހަތިޔާރުތައް ނައްތައިލަން އެއްބަސްވި ކަމަށް ދެކުނުކޮރެއާއިން ބުނިނަމަވެސް އދ.ގެ ކޮމާންޑުން އެކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެއެވެ. އެކަމަކު އެކޮމާންޑުން ހުކުރުދުވަހު ބުނެފައި ވަނީ ދެކޮރެއާއިން އެއްބަސްވެފައިވާ އަސްކަރީ އެއްބަސްވުމަށް ތާއީދުކުރާ ކަމަށެވެ.

ދެކޮރެއާއިން މިގޮތަށް އެއްބަސްވެފައި މިވަނީ އަސްކަރީ ގޮތުން ދެކޮރެއާއިންް އިސްނަގައިގެންް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސަބަބުން އަސްކަރީ ގޮތުންް ތައްޔާރަށް ތިބޭ މިންވަރު ކުޑަވެގެން ހިނގައިދާނެކަމުގެ ކަންްބޮޑުވުން އެމެރިކާއިން ފާޅުކޮށްފައި ވަނިކޮށެވެ.

ދެކޮރެއާއިންް އެއްބަސްވެފައި ވަނީ ދެގައުމުގެ ދެމެދުގައިވާ އަސްކަރީ ހަރަކާތް ހިންގުން މަނާ ސަރަހައްދުގެ އެއް ކިލޯމީޓަރުގެ ރޭޑިއަސްއެއްގައިވާ 11 ގާޑުޕޯސްޓް ނެގުމަށެވެ. އަދި ދެކޮރެއާ ގުޅިގެން ސަލާމަތީ ކަންތައްތައް ބަަލަހައްޓާ ސަރަހައްދުން ހަތިޔާރުތައް ނެގުމަށާއި ސިފަައިން މަދުކުރުމަށް ވެސް އެއްބަސްވިއެވެ. އެއްބަސްވީ އަނެއް ކަމަކީ ގުޅިގެން ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސަރަހައްދުގައި ވެސް ކޮންމެ ގައުމަކުން 35 ސިފައިންނަށް ވުރެ އިތުރަށް ނުބޭތިއްބުމެވެ.

ދެކޮރެއާގެ ވެރިން މިދިޔަ ޖޫންމަހު ބޭއްވި ބައްދަލުވުމަށް ފަހު ގުޅުން ރަނގަޅުކުުރުމަށް ދެގައުމުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.