ދުނިޔެ

އެއާ އިންޑިއާ އިން ދިން ކާއެއްޗެހީގައި ހޯނެއް އޮތް މައްސަލައެއް ފެންމަތިވެއްޖެ

Jun 14, 2015

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ފްލައިޓެއްގައި ގެނައި ކާއެއްޗެއްގެ ތެރޭގައި ހޯނެއް އޮތް ކަމަށް ބުނާ ވާހަކަ އެ އެއާލައިން އިން ދޮގުކޮށްފި އެވެ.

މި މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ފަސިންޖަރަކު އާއްމުކުރި ފޮޓޯއަކުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ފޮޓޯ އިން ފެންނަ ގޮތުގައި ކާއެއްޗެހި އަޅާފައިވާ ތަބަކުގެ ތެރޭގައި ކަޅު ކުލައިގެ ހޯނެއް އޮވެ އެވެ. އެކަމަކު، އެއީ ދިރޭ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން އިއްޔެ ބުނި ގޮތުގައި އެ ހޯނު ފެނުނީ ކާއެއްޗެހި ގެނެސް ފަސިންޖަރާ ހަވާލުކުރި ވަގުތު އެވެ. ފްލައިޓް އެޓެންޑެންްޓް ތަބައް ގެނެސް ބެހެއްޓުމާ އެކު ފަސިންޖަރު ބިރުން ހަޅޭއްލަވަން ފަށައި މައްސަލަ ޖައްސާނެ ކަމަށް ބުނި ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އިންްޑިއާގެ ވެރިރަށް ނިއު ދިއްލީން އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް މިދިޔަ ބުރާސްފަތި ދުވަހު ދަތުރުކުރި ފްލައިޓެއްގައި ހިނގި ކަމަށް ބުނާ މި ހާދިސާ އެއާ އިންޑިއާ އިން ވަނީ ދޮގުކޮށްފަ އެވެ. އެެ ގޮތުން، އެ އެއާލައިނުން ބުނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި އެއްވެސް ފަސިންޖަރެއްގެ ފަރާތުން އެފަދަ ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، އިންޑިއާ ސަރުކާރުން ވެސް ވަނީ އެއާ އިންޑިއާގެ ދިފާއުގައި ވާހަކަދައްކާފަ އެވެ. އެ ގޮތުން، ސިވިލް އޭވިއޭޝަން މިނިސްޓަރު އަޝޯކް ގަޖަޕާތީ ވަނީ ހޯނެއް ފެނުނު ކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފަ އެވެ.