ވިޔަފާރި

ދިވެހި ފިރިހެނުންނަށް ވުރެ ގިނައިރު އަންހެނުން މަސައްކަތް ކުރޭ!

ރާއްޖޭގައި ފިރިހެނުން ނަށް ވުރެ ގިނައިރު އަންހެނުން މަސައްކަތް ކުރާ ކަމަށް ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިން
ބުނެފި އެވެ.

ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިން އިން ރާއްޖޭގެ "މަސައްކަތްތެރިކަމުގެ" މައުލޫމާތު ހާމަ ކުރުމަށް 2016 ވަނަ އަހަރު ހަދާފައިވާ ސާވޭ އިން ދެއްކި ގޮތުގައި އާމްދަނީ ލިބޭ މަސައްކަތްތާއި އާމްދަނީ ނުލިބޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފިރިހެނުންނާ އަޅާބަލާއިރު އަންހެނުން މަސައްކަތް ކުރާ ގަޑި 53 ޕަސެންޓް އިތުރަށް މަސައްކަތް ކުރެ އެވެ. އަދި ފިރިހެނުން މަސައްކަތް ކުރަނީ 44 ޕަސެންޓު ވަގުތު އެވެ. އެގޮތުން އަންހެނުން އެންމެ ގިނައިރު މަސައްކަތް ކުރަނީ ކުދިން ބެލުމުގަ އެވެ. ގޭތެރޭގެ މަސައްކަތްތަކާއި ކުދިން ބެލުމުގައި އެވްރެޖުކޮށް ދުވާލަކު ހަ ގަޑިއިރު އަންހެނުން
ހޭދަކުރާއިރު، ފިރިހެނަކު މިކަމުގައި ހޭދަކުރަނީ ތިން ގަޑިއިރު އެވެ.

ގައުމީ ތަފާސް ހިސާބުތަކާބެހޭ ވުޒާރާއިން ބުނި ގޮތުގައި ލޭބާ ފޯސްގައި ހިމެނޭ 151،706 މީހުންގެ ތެރެއިން ހަ ޕަސެންޓް މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ. އަދި ރާއްޖޭގެ ލޭބާ ފޯސްގައި ހިމެނިފައިވާ މީހުންގެ ތެރެ އިން 93 ޕަސެންޓަކީ އާމްދަނީ ލިބޭ މަސައްކަތްކުރާ މީހުންނެވެ.

މި ސާވޭގައިވާ ގޮތުން ރާއްޖޭގެ އަބާދީގެ 263،311 މީހުންނަކީ 15 އަހަރުން މަތީގެ މީހުންނެވެ. އަދި މުޅި ރާއްޖެ އަށް ބަލާ އިރު 15 އަހަރުންމަތީގެ އާބާދީގެ ތެރޭން 75 ޕަސެންޓަކީ ފިރިހެނުންނެވެ. އަދި 42 ޕަސެންޓް އަކީ އަންހެނުންނެވެ. މި ސާވޭއިން އެނގުނު ގޮތުގައި 15 އަހަރުންމަތީގެ އާބާދީގައި ހިމެނޭ 25 ޕަސެންޓް ފިރިހެނުން ނާއި 58 ޕަސެންޓް އަންހެނުންނަކީ މަސައްކަތް ނުކުރާ ނުވަތަ "ލޭބަ ފޯސް" އިން ބޭރުގައި ތިބި މީހުންނެވެ.

ދިރާސާގައިވާ ގޮތުން މަސައްކަތު އާބާދީގެ ބޮޑު ބައި އުޅެނީ ރަށްރަށުގަ އެވެ. ރާއްޖޭގެ ލޭބާ ފޯސްގައި އުޅޭ 151،706 މީހުންގެ ތެރެއިން 47 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގަ އެވެ. އަދި 53 ޕަސެންޓް މީހުން އުޅެނީ އަތޮޅުތެރޭގަ އެވެ.