ދުނިޔެ

ގުއަންޓަނާމޯ ބޭ ޖަލުން ޔަމަނުގެ ހަ މީހަކު މިނިވަންކޮށް އޮމާނަށް ގެންގޮސްފި

Jun 14, 2015

ޓެރަރިޒަމްގެ ތުހުމަތަށް ބަންދުކުރާ މީހުންނަށް ހާއްސަކޮށް އެމެރިކާ އިން ހިންގާ ގުއަންޓަނާމޯ ބޭ ޖަލުގައި އެތައް އަހަރެއް ވަންދެން ބަންދުކޮށްފައި ތިބި ޔަމަނުގެ ހަ މީހަކު އޮމާނަށް ބަދަލުކޮށްފި އެވެ.

ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު ޖަލުން މިނިވަންކުރި އެ ހަ މީހުންނަކީ އިދުރީސް އަހުމަދު އަބްދުލް ގާދިރު އިދުރީސް، ޝަރަފް އަހުމަދު މުހައްމަދު މަސްއޫދު، ޖަލާލް ސަލާމް އަވަދު އަވަދު، ސާދު ނާސިރު މުގުބިލް އަލް އަޒާނީ، އިމާދު އަބްދުﷲ ހަސަން އަދި މުހައްމަދު އަލީ ސާލިމް އަލް ޒާނުކީ އެވެ.

"އިންސާނިއްޔަތުކަމުގެ މި އަމަލަށާއި ގުއަންޓަނާމޯ ބޭ ޖަލު ބަންދުކުރުމަށް އެމެރިކާ އިން ކުރަމުން ގެންދާ މަސައްކަތްތަކަށް އޮމާން ސަރުކާރުން ދިން އެއްބާރުލުން ޝުކުރުވެރިކަމާ އެކު ބަލައިގަންނަން،" ބަޔާނުގައިވެ އެވެ.

މިއީ މި އަހަރު ގުއަންޓަނާމޯ ބޭ ޖަލުން ގައިދީންތަކެއް މިނިވަންކުރި ދެ ވަނަ ފަހަރެވެ. އަދި މިއީ މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި މިނިވަންކުރި ފުރަތަމަ ފަހަރު ވެސްމެ އެވެ. އެންމެ ފަހުން، މިދިޔަ ޖެނުއަރީ މަހު މިނިވަންކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވެސް ގެންދިޔައީ އޮމާނަށެވެ. ދެން ހުރި މީހާ އަށް ހިމާޔަތް ދިނީ އެސްޓޯނިއާ އިންނެވެ.

އެމެރިކާ އިން ކިއުބާގައި ހިންގާ ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒުގައި ގާއިމްކޮށްފައިވާ ގުއަންޓަނާމޯ ބޭ ޖަލު ބަންދު ކުރުމަކީ ރައީސް ބަރަކް އޮބާމާގެ އިންތިހާބީ ވައުދެކެވެ. ވެރިކަމުގެ ދެ ވަނަ ދައުރެއް ފުރިހަމަކުރައްވަމުން ގެންދަވާ އޮބާމާ 2008ގެ އިންްތިހާބުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް، ގުއަންޓަނާމޯ ބޭ ޖަލުގެ ގައިދީން ހުސްކޮށް އެ ޖަލު ބަންދު ކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އެކަމަކު، ކޮންގްރެސް އިން ވަނީ އޮބާމާގެ އެ މަސައްކަތްތަކަށް ހުރަސް އަޅާފަ އެެވެ. އެ ގޮތުން، ގުއަންޓަނާމޯ ބޭ ޖަލުން މިނިވަންކުރާ އެއްވެސް ގައިދީއަކު އެމެރިކާ އަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި ހަ މީހުން މިނިވަންކުރުމުން ގުއަންޓަނާމޯ ބޭ ޖަލުގައި މިހާރު ތިބީ 116 ގައިދީންނެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުން ދޫކޮށްލަން ކުރަންޖެހޭ ހުރިހާ ރަސްމީ ކަމެއް ވަނީ ފުރިހަމަކޮށްފަ އެވެ. އެކަމަކު އެ މީހުން ގަބޫލުކުރާނެ ގައުމުތައް ހަމަޖެއްސުމަކީ ގިނަ ފަހަރަށް އުދަނގޫ ކަމެކެވެ.