ދުނިޔެ

ދެކުނު ކޮރެއާގައި މާސް ޖެހޭ މީހުންގެ އަދަދު ދާނީ އިތުރުވަމުން: ޑަބްލިއުއެޗްއޯ

Jun 14, 2015

ނޭވާލާ ނިޒާމަށް ޖެހޭ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) ޖެހޭ މީހުންގެ އަދަދު ދެކުނު ކޮރެއާގައި އިތުރުވަމުން ހިނގައިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއްޔެ ދީފި އެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ހުންނެވި ޑަބްލިއުއެޗްއޯގެ މަންދޫބު ކައިޖީ ފުކޫޑާ ވިދާޅުވި ގޮތުގައި ހީކުރި ވަރަށް ވުރެ ފުޅާ ދާއިރާއެއްގައި ދެކުނު ކޮރެއާގައި މާސް ވައިރަސް ދަނީ ފެތެރެމުންނެވެ. އެހެންވެ، އިތުރު ކޭސްތައް ފެންނާނެ ކަމަށް ތައްޔާރުވެގެން ތިބުމަށް އޭނާ ގޮވާލެއްވި އެވެ.

"އެކަމަކު އެކަކު ގައިން އަނެކަކު ގަޔަށް މި ބަލި ފެތުރެމުންދާ ކަމުގެ ހެއްކެއް އަދި ފެނިފައެއް ނުވޭ. މިހާތަނަށް ފެނުނު ހުރިހާ ކޭސްތަކެއްގައި ވެސް މި ބަލި ޖެހިފައި ވަނީ ސިއްހީ ހިދުމަތްދޭ ތަންތަނުން،" ކައިޖީ ވިދާޅުވި އެވެ.

މާސް ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމުގެ އިންޒާރު ދިން ނަމަވެސް، ޑަބްލިއުއެޗްއޯ އިން ދެކުނު ކޮރެއާގައި ބަލިމަޑުކަމުގެ ހާލަތު އަދި އިއުލާނެއް ނުކުރެ އެވެ.

މާސް ޖެހިގެން ދެކުނު ކޮރެއާގައި 14 މީހަކު މިހާތަނަށް މަރުވެފައި ވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 140 އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި އެ ބަލީގެ އަލާމާތްތައް ފެނުނު 3.500 އަށް ވުރެ ގިނަ މީހުން ވަނީ ކަރަންޓީނުކޮށްފަ އެވެ.

މިއީ މެދުއިރުމަތި ނޫން ސަރަހައްދެއްގެ ގައުމެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކަށް މާސް ޖެހުނު ފުރަތަމަ ފަހަރެވެ.

އެއާ އެކު، ދެކުނު ކޮރެއާގެ ގާތްގަނޑަކަށް 2،500 ސްކޫލާއި ޔުނިވަސިޓީ ވަނީ ބަންދުކޮށްފަ އެވެ. އަދި ވެރިރަށް ސޯލްގައި ގިނަ ބަޔަކު ބޭރަށް ދަނީ މޫނުމަތި އަޅައިގެންނެވެ. މީގެ އިތުރުން، އެކި ގައުމުތަކުގެ 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އެ މީހުންގެ ބުކިންސް ކެންސަލްކޮށްފަ އެވެ. ދެކުނު ކޮރެއާގެ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއް ފަހަރާ އެހާ ގިނަ އަދަދެއްގެ ބަޔަކު މީގެ ކުރިން ބުކިންސް ކެންސަލްކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ގޮތަކަށް ދެކުނު ކޮރެއާ އަށް ނުދިއުމަށް ހޮންގް ކޮންގް ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފަ އެވެ. އެ ނޫން ގޮތެއް ނެތިގެން ދާން ޖެހުނަސް، ދެކުނު ކޮރެއާގައި އުޅޭއިރު ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް ވީ ވަރަކުން ނުގޮސް، މާސްކް ފަދަ ތަކެތި އަޅައިގެން އުޅުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ މާސް ޖެހިގެން ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ބަޔަކު މަރުވީ މި މަހުގެ ކުރީކޮޅު އެވެ. އުމުރުން 58 އަހަރުގެ އެ އަންހެން މީހާ އަކީ ދެ ވަނަ އަށް މަރުވި 71 އަހަރުގެ ފިރިހެން މީހާއާ ބައްދަލުވެފައި ހުރި އަންހެނެކެވެ. މި ބަލި ޖެހިގެން ފުރަތަމަ ފަރުވާ ހޯދަން ފެށީ މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި އެ ފިރިހެން މީހާ އެވެ.

ދެކުނު ކޮރެއާގައި މާސް ބަލި ފެތުރެން ފަށާފައި މި ވަނީ، މި ބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ޗައިނާ އިން ފެނުނުތާ މާ ގިނަ ދުވަހެއް ނުވެ އެވެ. މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި ދެކުނު ކޮރެއާގެ އެ މީހާ ދެކުނު ކޮރެއާ އިން ޗައިނާގެ ހޮންގް ކޮންގަށް ދިޔައީ އޭސިއާނާ އެއާލައިންގެ ފްލައިޓެއްގަ އެވެ. އެ އަށް ފަހު، ބަހަކަށް އަރައިގެން ޗައިނާގެ ދެކުނުގައި އޮންނަ ގުއަންޑަންގް ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ހުޒޫ އަށް އޭނާ ދިޔަ ކަމަށް ވެ އެވެ. އެ އަވަށުގެ ހޮޓަލެއްގައި ހުރި އެ މީހާ އަށް މާސް ޖެހިފައިވާކަން އެނގުނީ ބަލިވެގެން ހޮސްޕިޓަލަށް ދިއުމުންނެވެ.

ގުއަންޑަންގް ޕްރޮވިންސްގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ އެ ވައިރަސް އެކި ހިސާބުތަކަށް ފެތުރި ދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އޭނާއާ ބައްދަލުވި 193 މީހަކު ހޯދުމުގެ މަސައްކަތް ވެސް ކުރި އެވެ.

މާސް ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 2013 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިންނެވެ. އަދި އެންމެ ގިނަ ބަޔަކަށް މިހާތަނަށް އެ ބަލި ޖެހި މަރުވެފައި ވަނީ ވެސް އެ ގައުމުންނެވެ.

ދިރާސާތަކުން ލަފާކުރެވެނީ މިއީ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ޖަމަލަށް ޖެހެމުން އައި ބައްޔެއް ކަމަށާއި ވައިރަސް މިއުޓޭޓްވެ އިންސާނުންގެ ހަށިގަނޑަށް ވެސް ވާސިލުވީ ކަމަށެވެ.

މާސް އަކީ ސާސް ރޯގާ އަށް ވުރެ ވެސް ނުރައްކާ ބައްޔެއް ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް، މާސް އަކީ ސާސް ރޯގާހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށް ބެލެވެ އެވެ. ސާސް ރޯގާ 8،273 މީހަކަށް ޖެހުނުއިރު، އޭގެ ތެރެއިން ނުވަ ޕަސެންޓް މީހުން މަރުވި އެވެ. ސާސް ރޯގާ ފަދައިން، މާސް ވައިރަސް ޖެހުމުން ވެސް މޭގައި އިންފެކްޝަން އުފެދެ އެވެ. އަދި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ އެވެ. ނަމަވެސް ސާސް އާ ހިލާފަށް، މާސް ވައިރަސްގެ ސަބަބުން ވަރަށް ފަސޭހައިން ކިޑްނީ ފެއިލްވެ އެވެ.