ދުނިޔެ

އަފްގާނިސްތާނުގައި ތާލިބާނުން ހަމަލާދީ ގިނަ ފުލުހުންތަކެއް މަރާލައިފި

Jun 14, 2015

އަފްގާނިސްތާނުގެ ދެކުނުގެ އަވަށެއްގައި ހުރި ފުލުހުންގެ ޗެކްޕޮއިންޓްތަކަކަށް ތާލިބާން ހަނގުރާމަވެރިން ވަރުގަދަ ހަމަލާތަކެއް ދީ، ވިއްސަކަށް ފުލުހުންގެ އޮފިސަރުން އިއްޔެ މަރާލައިފި އެވެ.

ތާލިބާނުންގެ ތަރުޖަމާނަކު ބުނި ގޮތުގައި ހިމަންދު ޕްރޮވިންސްގައި އެކަހެރިކޮށް އޮންނަ މުސާ ގަލާ އަވަށުގައި ދިން އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ބައިވެރިވި އެވެ. އެ ހަމަލާތަކުގައި 25 ފުލުހުން މަރާލައި ގިނަ އަދަދެއްގެ ހަތިޔާރު އަތުލާފައިވާ ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ.

އަފްގާނިސްތާނު ފުލުހުންގެ ތަރުޖަމާނު މުހައްމަދު އިސްމާއިލް ހޫތަކް ވިދާޅުވި ގޮތުގައި ހުކުރު ދުވަހު ހެނދުނު ދޭން ފެށި އެ ހަމަލާތައް އިއްޔެއާ ޖެެހެންދެން ވެސް ކުރިއަށް ދިޔަ އެވެ. އެ ހަމަލާތަކުގައި މަރުވި ފުލުހުންގެ އިތުރުން 10 ފުލަހަކު ޒަހަމްވެފައިވާ ކަމަށާއި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވެސް މަރާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ހަމަލާތައް އަމާޒުކޮށްފައިވާ ޗެކްޕޮއިންޓްތަކަކީ، ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެކަކު ނުވަތަ ދެ މީހުން ތިބޭ ވަރަށް ކުދި ތަންތަނެވެ. އެކަމަކު، ބައެއް ބޮޑެތި ޗެކްޕޮއިންޓްތަކަށް ވެސް ހަމަލާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗެކްޕޮއިންޓްތަކުގައި ގާއިމްވެ ތިބި ފުލުހުންނަށް އެހީވުމަށް އިތުރު ފުލުހުން މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފަ އެވެ.

އަފްގާނިސްތާނުގެ އެކި ކަންކޮޅުތަކުގައި ތާލިބާނުން ދޭ ހަމަލާތައް، ބޭރުގެ ފައުޖުތައް މިދިޔަ އަހަރު ފޭބި ފަހުން ވަނީ ވަރުގަދަކޮށްފަ އެވެ. އެކަމަކު، އަފްގާނިސްތާނުގައި ސުލްހަ ގާއިމްކުރުމަށް އެ ގައުމުގެ އާ ސަރުކާރާއި ތާލިބާނުން ވެސް ވަނީ ދާދި ފަހުން އަލުން މަސައްކަތް ފަށާފަ އެވެ. އެ ގޮތުން، ސަރުކާރުގެ އޮފިޝަލުންތަކަކާއި ތާލިބާނުންގެ ވަފުދެއް މިދިޔަ މަހު ގަތަރުގައި ނުރަސްމީ ވާހަކަތައް ބާއްވާފައިވެ އެވެ.

އެކަމަކު، އެ މަޝްވަރާތައް ކުރިއަށްދާ ގޮތާ ބެހޭ މާ ބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން ދީފައެއް ނުވެ އެވެ.