ހަބަރު

މުޒާހަރާގެ ސައުންޑް ހޯދަން ލެކިއުޓް ހުންނަ މާދެލި ވެސް ފާސްކޮށްފި

Jun 14, 2015

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އާއި އަދާލަތުން ޖޭޕީގެ ބައެއް ވެރިން އިސްކޮށްގެން ބޭއްވި މުޒާހަރާގައި ބޭނުން ކުުރި ސައުންޑްގައި ހިމެނޭ ބައެއް ތަކެތި ހޯދަން މަޝްހޫރުން ސެންޓް ފިހާރަ، ލެ ކިއުޓް ހުން ގެ ގ. މާދެލި ވެސް ބަލައި ފާސްކޮށްފިއެވެ.

ރޭ އެގެއަށް ވަން އިރު ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ހިނގަނިކޮށް ވެސް ފުލުހުން ވަނީ ލެކިއުޓްގެ އިމާރާތަށް ވަންނަން މަސައްކަތްކޮށްފައެވެ. ނަަމަވެސް އެ ރޭ އެތަން ތަޅުލާފައި ހުރުމުގެ ސަބަބުން ވަދެވޭ ގޮތް ނުވީ އެވެ. މާދެލީގައި ލެކިއުޓް ހިންގަނީ ލިންޓަލް އިންވެސްޓްމެންޓުންނެވެ. އެތާގެ ހިއްސާދާރުންގެ ތެރޭގައި އެމްޑީޕީގެ ސަރުކާރު ފައިނޭންސް މިނިސްޓަރު އަލީ ހާޝިމް ހިމެނި ވަޑައިގަންނަވަ އެވެ.

އެ ގެ ބަލައި ފާސް ކުރިއިރު، ރޭ ފުލުހުން ވަނީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ދިރިއުޅުއްވާ، މއ. ބޯގަންވިލާ އާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ދިރިއުޅުއްވާ ހ. ހާލި ވެސް ބަލައި ފާސްފަ އެވެ.

ކޯޓް އަމުރެއްގެ ދަށުން ތިން ގެއަށް ވަދެ ފާސް ކުރުމުގައި ބޯގަން ވިލާ އާއި ހާލިން އިސްޕީކަރުތަކެއް ގެންދިޔަ ނަމަވެސް  ލެކިއުޓް ހުންނަ ގެއިން އެއްވެސް އެއްޗެއް ފުލުހުން ވަދެ ފާސް ކުރުމަށްފަހު ގެންގޮސްފައެއް ނުވެއެވެ.

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގައި އެރޭގެ 11:00 ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ނުކުރުމަށް ފުލުހުން އަންގައި ސައުންޑް ގާޑިއާ ގެންގޮސްފައި ވަނިކޮށް ވަޔަލަސް މައިކްތައް ބޭނުންކޮށް މުޒާހަރާގައި ވަނީ ޝުއޫރުފާޅުކޮށްފަ އެވެ. އެކަން ކުރުމަށް މުޒާހަރާގެ ބައިވެރިން ބޭނުން ކޮށްފައި ވަނީ މާލޭގެ އެކި ސަރަހައްދު ގޭގެ އާއި އިމާރާތްތަކުގައި ހަރުކޮށްފައި ސައުންޑް ސިސްޓަމްތަކެކެވެ.

އެރޭގެ މުޒާހަރާއިން 12  މީހަކު ހައްޔަރުކޮށް ރޭ ވަނީ އެ އެންމެން ދޫކޮށްލާފަ އެވެ.