ހަބަރު

މަސްތުވާތަކެއްޗާއެކު ވެލިދޫން މީހަކު ހައްޔަރުކޮށްފި

Jun 14, 2015
1

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއެކު މީހަކު ނ. ވެލިދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޖޫން މަހުގެ 12 ވަނަ ދުވަހު ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ކުނިކޮށި ތެރޭގައި ހުއްޓައެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ޖިންސް ކުރިމަތީ ޖީބުގައި އޮތް ސިނގިރޭޓް ފޮށްޓެއްގެ ތެރެއިންނެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.