ރާއްޖޭގެ އެންމެ ގިނަ ބަޔަކާއެކު ފޮޓޯ ނެގުމުގެ ރިކޯޑް އޮންނާނީ ކާކުގެ އަތުގައި ހެއްޔެވެ؟ ޖަވާބު ވަރަށް ފަސޭހަ ސުވާލެކެވެ. ދެބަހެއް ނުވެވޭނެ ގޮތުގައި އެއީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިބޫ ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މެޖޯރިޓީ ރަށްތަކަށް ވަޑައިގެންފަ އެވެ. ކޮންމެ ރަށަކަށް ވެސް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ. އަދި އެކުގައި ވަގުތު ވެސް ހޭދަ ކުރައްވަ އެވެ. ރައްޔިތުން ފޮޓޯ ނެގުމަށް ކިޔު ވެސް ދަމާލަ އެވެ.
ރަށްރަށުގެ އިތުރުން ލަންކާއަށް ވެސް އިބޫ ކެމްޕެއިންގައި ވަޑައިގެންނެވި އެވެ. ލަންކާގައި އިބޫއާއެކު ފޮޓޯ ނޫނީ ސެލްފީ ނަގާލަން ދަމާލި ކިޔު އަދި ވަކިން ދިގެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިބޫގެ ގާތުގައި ހުންނެވިއިރު އެ ބޭފުޅުންނާއެކު ފޮޓޯ ނަގަން ގާތްގަނޑަކަށް ދޮޅު ގަޑިއިރު މީހުން ކިޔުގައި ތިއްބެވެ.
ކެމްޕެއިންގައި އިބޫ ނަންގަވަން ދަސްކުރެއްވި ސެލްފީ މިހާރު މާ ވަރުގަދައަށް އިބޫ ދަނީ ނަންގަވަމުންނެވެ. އުފާ ފާޅުކުރަން އެއްވާ ކޮންމެ ރައްޔިތަކާއެކު އިބޫ ފޮޓޯއެއް ނޫނީ ސެލްފީއެއް ނަންގަވަ އެވެ. މާލޭގެ ކޮންމެ އަވަށެއްގަ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.
އިބޫގެ ފަރާތުން މިހާރު ފެންނަ އެންމެ ތަފާތު ކަމަކީ ސެލްފީ ނެންގެވުމުގެ ހުނަރުވެރިކަމެވެ. އިބޫއަކީ މިހާރު ސެލްފީ އެކްސްޕާޓެކޭ ބުނެވިދާނެ އެވެ. ބޮޑެއް ކުޑައެއް ނެތި އެންމެންނާއެކު އިބޫ ސެލްފީ ނަންގަވާލައްވަނީ ވަރަށް ފަރިތަކަމާއެކު އެވެ.
އޮފީސްތަކާއި މުއައްސަސާތައް އަދި މީޑިއާއަށް ވެސް އިބޫ ޒިޔާރަތް ކުރައްވަމުންދާއިރު ކޮންމެ މީހަކު ވެސް ބަލަނީ އިބޫއާއެކު ސެލްފީއެއް ނެންގެވޭތޯ އެވެ. ކޮންމެ މީހަކު ވެސް ބުނަނީ އެއީ "ޑްރީމެއް" ކަމަށެވެ.
ދެން ވެސް އަހާލާނީ ވަރަށް ފަސޭހަ ސުވާލެކެވެ. ނޫނެކޭ ބުނާނީ ވަރަށް މަދު ބައެއް ކަމަށް ބެލެވެ އެވެ. އިބޫއާއެކު ސެލްފީ ނުނަގަނީ ކާކު ހެއްޔެވެ؟