ރިޕޯޓް

12 ގައި ހުރީ އަޑު، ބާރެއް ނެތް!

Jun 14, 2015
3

މިދިޔަ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ފެށުމުގެ އެތައް ދުވަހެއް ކުރިން ފެށިގެން އިދިކޮޅު ފަރާތްތަކުން ބުނަމުން އައީ އެއީ ފިސާރި ބޮޑު މުޒާހަރާއެއް ކަމަށެެވެ. އެހާ ދުވަސް ކުރިން ފެށިގެން މުޒާހަރާގެ އަޑު އޮތީ ގަދަކޮށެވެ. ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ނުކުމެ، މުޅި މަޖީދީ މަގު ފުރާލައި ސަރުކާރު ސައިޒް ކުރާނެ ކަމަށް އޮތީ ވިސްނައިދީފަ އެވެ. އެ އަޑުވެސް ގަދަ އެވެ. އަތޮޅުތަކުން އެކަނި ވެސް 5،000 މީހުން މުޒާހަރާއާ ގުޅޭނެ ކަމަށް އޮތީ ދުރާލައި އިއުލާންކޮށްފަ އެވެ.

މޭޑޭގެ މުޒާހަރާގައި ކޮންމެ ގޮތެއް ވިޔަސް އިދިކޮޅު ފަރާތްތަކުން ބުނަމުން އައީ މިއީ ނަތީޖާ ނެރޭ ފަހަރު ކަމަށެވެ.

"ވާރޭ އައިސް އުފާވެރި ކަން ލިބުމުގެ ކުރިން ފުރަތަމަ އުފެދެނީ ބޯވިލާގަނޑު، އެ ބޯ ވިލާގަނޑު އަޅުގަނޑުމެން ފެބުރުއަރީ 27 ގައި ގެނެސްފިން. ވިލާގަނޑު ބޯ ވާރޭ ވެހުމުގެ ކުރިން އަންނަނީ ފިނި ވައިރޯޅި މޭ ޑޭގައި އަޅުގަނޑުމެން އެ ވައިރޯޅި ގެނެސްފިން. ދެން އަންނާނީ ވާރޭ ޖޫން 12 ގައި އަޅުގަނޑުމެން މިކަން ނިންމާނަން،" ޖޫން 12 އާއިރު ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެންފައިވާ އަމީން އިބްރާހިމް މޭޑޭގެ މުޒާހަރާއަށް ފަހު ޖަލުން މިނިވަންވެ ވަޑައިގެން ވިދާޅުވި އެވެ.

ބޮޑު ދެ މުޒާހަރާއަކަށްފަހު ޖޫން 12 އިއުލާން ކުރީ މުޅި މަޖީދީ މަގުގައި އިށީންދެ އެތަނުން ގުޑުވާލާނީ ވެސް، ސަރުކާރުން އެ މީހުން ބުނާގޮތް ހަދައި "ބަސް އެހީމުން" ކަމަށް ބުނަމުންނެވެ. މުޒާހަރާގެ ލީޑަރުން އޮތީ މާ ކުރި ވެސް އިއުލާންކޮށްފައެވެ. އިށީނދެ ތިބެ ތިން ދުވަހަށް ދައްމާލާނެ އެވެ، އެހެންވެ ވަރަށް ގިނަ މީހުންނަށް އެއީ ވަރުގަދަ މުޒާހަރާއަކަށް ވާނެ ކަމަށް ވިސްނުނެނެވެ. 

"ހުރިހާ ބޭފުޅުން ވެސް މަގުމަތީގައި ދެތިން ދުވަހަކު ތިބެން ޖެހޭނެ ކަމަށް ތައްޔާރު ވެގެން، ގަޔަށް ފަސޭހަ ހެދުމަކާއި، ފޯނު ފަދަ ތަކެތި ހިމާޔަތް ކުރެވޭނެ ގޮތަކާއި ފަޔަށް ފަސޭހަ ޓެނިހެއް އަދި ފެންފުޅި ފަދަ ތަކެތި ގެނައުމަކީ އަޅުގަނޑުމެން އެދޭކަމެއް. މިއީ އަޅުގަނޑުމެން އެންމެ ރެއަކު ކޮށްފައި ހުއްޓާލާނެ ކަމެއް ނޫން،" މުޒާހަރާ ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވި އެވެ.

ފުލުހުންނަށް ނޯޓިސް ވެސް ދިނީ އެ މުޒާހަރާއަކީ ތިން ދުވަހަށް ދެމިގެންދާނެ މުޒާހަރާއެއް ކަމަށް ބުނެ އެވެ. އެކަމަކު މޭޑޭ އެކޭ އެއްގޮތަށް 12 ގެ މުޒާހަރާ ވެސް މާޒީއާ އެކުވެގެން ހިނގައްޖެ އެވެ. ފެނުނު ބޮޑު މަންޒަރަކީ ކޮބައިހެއްޔެވެ؟ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާއިން ގެނެސްދެނީ ކޮން ފިލާވަޅުތަކެއް ހެއްޔެވެ؟

މުޒާހަރާ ކުރުމަށް އިދިކޮޅު ފަރާތްތައް ކިތަންމެ ފަރިތަ ނަމަވެސް، މިފަހަކަށް އައިސް މުޒާހަރާތަކުން ނިކުންނަ ނަތީޖާއެއް ނޯވެ އެވެ. ގިނަ ފަހަރަށް އެ މުޒާހަރާތަކުގެ ސަަބަބުން އިދިކޮޅު ފަރާތްތަކަށް އުފުލަން ޖެހޭ ބަދުނާމު އޮންނަނީ ބޮޑުވެފަ އެވެ. އެންމެ ފަހުން ބޭއްވި މޭޑޭގެ މުޒާހަރާގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި އޭގެ ބަދުނާމު އޮތީ އެ މީހުންގެ ބޮލުގައި އެޅިފަ އެވެ. އޭގެ ސަބަބުން އިދިކޮޅު ހަރަކާތްތަކުގެ މައި ލީޑަރުން ތިބެން ޖެހިފައި ވަނީ، ކޮންމެވެސް ގާނޫނީ ގޮޅިއަކަށް ފެތި ތާށިވެފަ އެވެ. ބުނަން ބޭނުން ނުވިޔަސް އޭގެ ސަަބުބުން އިިދިކޮޅު ހަރަކާތްތަކުގެ ދުވެއްޔަށް ހަމަ ޔަގީނުން ވެސް ބަދަލު އަންނާނެ އެވެ. އެޅޭނެ ހުރަސްތައް ވެސް ހުންނާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެއް ބަޔަކު އެތިބީ ރާއްޖެ ވެސް ނާދެވި ތާށިވެސްވެފަ އެވެ.

އަނެއް މައްސަލަ އަކީ، މުޒާހަރާގެ ކުރިން ދައްކާ ވާހަކަ އާއި މުޒާހަރާގައި ކަން ހިނގާގޮތް ދިމާނުވުން އުފެދޭ މާޔޫސް ކަމެވެ. މުޒާހަރާގެ ކުރިން ބޮޑު މަންޒަރު ދެއްކިޔަސް މުޒާހަރާ ނިމިގެން ދަނީ ވަރަށް ފެންކޮށެވެ. އޭގެ ސަބަބުން ސަރުކާރަށް ޖެއްސޭ ޕްރެޝަރެއް ނޯވެ އެވެ. އެންމެ ފަހުން 12 ގައި ބޭއްވުނު މުޒާހަރާ ވެސް ފުލުހުން ރޫޅާލީ ވަރަށް އާދައިގެ ގޮތަކަށް އެހާ ފަސޭހަކޮށެވެ. އެހެން ނަމަވެސް އެހެން މުޒާހަރާތަކާ ހިލާފަށް 12 އިގެ މުޒާހަރާގައި އަޑު ހުއްޓެވެ. މުޒާހަރާ ފެށުމުގެ ކުރިން ވެސް އަޑު ހުއްޓެވެ. މުޒާހަރާގެ އަޑު ކަނޑުވައިލުން ވެސް ފުލުހުންނަށްވީ ބޮޑު އުނދަގުލަކަށެވެ. ފުުލުހުން އަދި ސައުންޑް ހޯދަނީ އެވެ. 

މޭޑޭގެ މުޒާހަރާގައި ނަމްބަރުން މެސެޖެއް ދެވުނު ނަމަވެސް 12 ގެ މުޒާހަރާއިން ދެވުނު މެސެޖެއް ވެސް ނެތެވެ. ސަރުކާރު ވެސް އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ. އެ މުޒާހަރާއަށް ނިކުތް މީހުންގެ އަދަދުވެސް މޭޑޭގެ މުޒާހަރާއާ އަޅާބަލާ އިރު، މާބޮޑުތަން ވެސް މަދެވެ.

"މުޒާހަރާއެއް މި ކުރަނީ ސަރުކާރަށް ޕްރެޝާ ކުރަން. އެކަމަކު އެ މަގުސަދު ހާސިލްވާތަނެއް ނުފެނޭ. އެހެން އެ ވަނީ އެއްވެސް ކަހަލަ އަސްލެއް ނެތް ކަންކަމުގައި މުޒާހަރާ ކުރާތީ. އެހެން ވީމާ މި ފެންނަނީ ދުވަހެއް ދުވަހަކަށް މީހުން ވެސް މުޒާހަރާތަކުގައި މަދުވާތަން. މުޒާހަރާއެއްކޮށްގެން ވަކި ނިކުންނާނެ ހައްލެއް ނެތް،" ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

އެކަމަކު އިދިކޮޅު ފަރާތްތަކުން އެ ވާހަކަތައް ގަބޫލެއް ނުކުރެ އެވެ. އެ މީހުން ބުނަނީ ސަރުކާރަށް މަޝްވަރާ ކުރަން ވެސް މަޖުބޫރުވީ، މިކަމުގެ ސަބަބުން ކަަމަށެވެ. އަދި ސަރުކާރު ހޫނު ފެނަށް ވެއްޓެނީ ވެސް އެކަމުގެ ސަބަބުން ކަމަށެވެ. އެކަމަކު ފެންނަ މަންޒަރުގައި މުޒާހަރާތަކުގެ ސަބަބުން އަނިޔާ ވަނީ އަދި ބޮޑެތި ގެއްލުންތަކާ ކުރިމަތި ވަނީ ވެސް އާންމުންނަށެވެ. އިސް ލީޑަރުން ރާއްޖޭން ބޭރުގައި އަރާމުގައި އުޅުއްވަނީ އެވެ. އޭގެ ސަބަބުން އެ ފިކުރަށް ތާއީދު ކުރާ ބަޔަކަށް ވަކި ލިބޭނެ ފިނިކަމެއް އަދި ނެތެވެ. 

މުޒާހަރާތަކަށް ސަރުކާރުގެ ހޯމް މިނިސްޓަރު ދެއްވާ ރައްދަކީ، މުޒާހަރާއަށް އެއްވާ މީހުން މަދުވުމަކީ، ރައްޔިތުން މުޒާހަރާގެ ބަދަލުގައި ސުލްހަ ބޭނުންވާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މިނިސްޓަރުގެ ވާހަކަ ކޮންމެވެސް ދިމާލަކުން އައިސް، އެބަ ވަށާޖެހެ އެވެ. ދުވަހެއް ދުވަހަކަށް މުޒާހަރާތަކަށް އަންނަ މީހުން މަދުވުމެވެ. އެމްޑީޕީ އަކީ މުޒާހަރާ ކުރުމުގެ އެންމެ ހާޑްކޯ ޕާޓީ ވިޔަސް، އެ މުޒާހަރާތަކުގައި ބާރެއް ނެތުމެވެ. ދައްކާ ވާހަކަޔާއި މުޒާހަރާ ނިމިގެން ދާ ގޮތް އެއްގޮތަކަށް ވެސް އައިސް ވަށާ ނުޖެހުމެވެ. މިއީ ހޯމް މިނިސްޓަރު އެ ވިދާޅުވާ ގޮތަށް މިހާރު އުފެދޭ ސުވާލުތަކެކެވެ. ހަމަ ޔަގީނުން ވެސް ކަށަވަރުވާ އެއްކަމަކީ މިހާރު މިހިނގާ މުޒާހަރާތަކުގައި ބާރެއް ނެތް ކަމެވެ.