ހަބަރު

ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

މާލޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި މިއަދު ޒަހަމްކޮށްލައިފި އެވެ. މި މާރާމާރީ ހިނގާފައިވަނީ އާޓިފިޝަލް ބީޗް ކުރިމަތީ ހުންނަ ޕީޕީއެމް އޮފީސް ކައިރީގަ އެވެ.

މާރާމާރީގައި އަނިޔާވި ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އައްފާލް ވިދާޅުވި ގޮތުގައި ޒަހަމްވެގެން މިއަދު އެ ހޮސްޕިޓަލަށް ގެނައީ 28 އަހަރުގެ ޒުވާނެކެވެ.

އޭނާ ލިބުނު އަނިޔާގެ ތަފްސީލެއް ނިލިބެ އެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އަނިޔާވެފައިވަނީ އެ ޒުވާނާގެ މެޔަށެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ޕީޕީއެމް އޮފީސްއާ ހަމައިން ދުއްވާފައި ދިޔަ ސައިކަލްގައި އިން ޒުވާނާގެ ގަޔަށް އެހެން ސައިކަލެއްގައި އައި ބަޔަކު ވަޅި ޖެހީ އެވެ. ވަޅި ޖެހުމުން އެ ޒުވާނާ ދުއްވައިގަތީ ޕީޕީއެމް އޮފީހާ ދިމާއަށެވެ.

މާރާމާރީ ހިންގި މީހުން ވަނީ އެ ސަރަހައްދުން ފިލާފަ އެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.