ހަބަރު

ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ގާސިމް އައްޔަންކުރަން ވޯޓު ނެގުން މާދަމާ

ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް، އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އައްޔަން ކުރުމަށް ބާއްވާ އިންތިހާބު މާދަމާއަށް ތާވަލުކޮށްފި އެވެ.

ޖޭޕީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީ އިން ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މަގާމަށް ކުރިމަތިލެއްވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް އެވެ.

ޖޭޕީއިން މިއަދު ބުނީ، ގާސިމް އިބްރާހިމް އެ ޕާޓީގެ ލީޑަރުކަމަށް އައްޔަންކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުމާއި ނަތީޖާ އިއުލާންކުރުމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތަށް، ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ ހަވީރު 4:00 ގައި ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި އޮންނާނެ ކަމަށެވެ.

ޖޭޕީގެ ލީޑަރުކަމުގެ މަގާމް ހުސްވީ ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ އިސް މަގާމެއްގައި ނުހުރެވޭނެ އެވެ.