ދުނިޔެ

ޚާޝުގްޖީގެ ގާތިލުންނަށް އަދަބު ދޭނީ ސައުދީގައި

Oct 28, 2018

ރިޔާދު (27 އޮކްޓޯބަރު) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުންނަށް ދައުވާކޮށް، ހައްގު އަދަބުދޭނެކަމަށް ސައުދީގެ ފޮރިން މިނިސްޓަރު އާދިލް-އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.

ބަހުރެއިންގައި ބޭއްވި ކޮންފަރަންސްއެއްގެ ތެރެއިން، ޖުބައިރު ވަނީ ހުޅަނގުގެ މީޑިއާ މުޅި މައްސަލަ ފިތުނަ އާއި ހަމަނުޖެހުން އުފެދޭގޮތަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ.

ޚާޝުގްޖީގެ ގާތިލުންނަށް އަދަބު ދޭނީ ސައުދީންކަމަށް ޖުބައިރު ވިދާޅުވެފައިވަނީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ 18 މީހަކު ތުރުކީއަށް ފޮނުވަން ސައުދީ ސަރުކާރުގަައި އެދެން ތުރުކީން ނިންމާފައިވަނިކޮށެވެ.

"މި މައްސަލައިގައި އިހުލާސްތެރިކަމާއެކު އިންސާފު ހޯދައި ދިނުމަށް ތުރުކީގެ އަދުލު އިންސާފުގެ ނިޒާމު އޮތީ މާ ރަނގަޅަށް ތައްޔާރުވެފައި،" ތުރުކީގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވެފަައިވެ އެވެ.

ޚާޝުގްޖީ މަރާލި މައްސަލައިގެ ތުހުމަތުވާ މީހުން ފޮނުވަން ތުރުކީން އެދޭ އިރު ޚާޝުގްޖީ މަރަން އަމުރުކުރި ކާކުކަން ހާމަކުރުމަށް ތުރުކީގެ ރައީސް ރަޖަބްތޮއްޔިބު އުރުދުޣާން ވަނީ ގޮވާލައްވާފަ އެވެ.

ވެރިކަން ކުރާ އޭކޭ ޕާޓީގެ މެމްބަރުންނާ މުހާތަބު ކުރައްވައި ވެރިރަށް އަންކާރާގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ ތަކުރާރުކޮށް އެސުވާލު ކުރައްވާފަ އެވެ.

"އަމުރު ކުރީ ކާކު؟ 15 މީހުން ތުރުކީއަށް އަންނަން އަމުރުކުރީ ކާކު؟" އުރުދުޣާން ސުވާލުކުރެއްވި އެވެ.