ހަބަރު

މާލޭގައި ފެންބޮޑުވާ ހަނދާން އާވެއްޖެ!

Oct 28, 2018
13

ފޮޓޯގްރާފަރު އަބްދުﷲ އަބީދުގެ މި ފޮޓޯއަކީ މިއަދު މާލެއަށް ބޯކޮށް ވާރޭވެހެމުން ދިޔަ އިރު އަމީނީ މަގު، ހައުސިން މިނިސްޓްރީ ކުރިމަތިން އޭނާގެ ލޮލުގައި އަޅައިގަތް މަންޒަރެވެ. ފެންގަނޑު ބޮޑުވެފައި އޮތީ ތަނބިކައްޓާ ހަމަޔަށް ވުރެވެސް މައްޗަށެވެ. ސައިކަލްތަކާއި ބައިސްކަލްތަކުގައި ދުއްވާފައި މީހުން ދަނީ އެ ނޫން ގޮތެއް ނެތިގެން އެވެ. މި މަންޒަރުތަކުން ހަނދާނަށް އައީ މީގެ އަހަރެއްހާ ދުވަސްކުރިން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކައެކެވެ އެމަނިކުފާނު ވިދާޅުވީ، "މާލޭގައި ފެންބޮޑުވާ ހަދާން ދިވެހިން މިހާރު ނެތް" ކަމަށެވެ. މިނިސްޓަރު އެެހެން ވިދާޅުވީ މާލޭގައި ފެންބޮޑުވުން ހުއްޓުވަން ހިންގި އެތައް މިލިއަން ރުފިޔާއެއްގެ މަޝްރޫއުގެ ކާމިޔާބީ ބުނެދެއްވުމަށެވެ.

މިއަދު މެންދުރުފަހުން ފެށިގެން މާލެއަށް އޮއްސާލި ބޯވާރެޔާ އެކު، ފެނުނީ އެ ވާހަކަޔާ ދިމާ އިދިކޮޅު މަންޒަރެވެ. މާލޭގެ މުހިންމު ސަރަހައްދުތައްް ފެންބޮޑުވެ ފެނުގެ އަޑިއަށް ގެނބިގެން ދިޔައީ އެވެ. އެތައް ބަޔަކަށް އިންތިހާއަށް ދުއްތުރާވީ އެވެ. އެއްބަޔަކަށް ދަރިން ސްކޫލުން ނެރެގެން ގެންދަނީ ޖެހުނީ އުރާލައިގެން އެވެ. އަނެއް ބައެއްގެ އޮފް ބޫޓްތައް އޮތީ ފެނުން ފުރިފަ އެވެ. އެއާ އެކު ދިވެހި ސިފައިން ވެސް މިއަދު ހުސްވާން ޖެހުނީ، ޕަންޕުތައް ނެރެގެން މާލެއިން ފެންހިންދާށެވެ.

ފެންބޮޑުވިވަރާ އެއް ވަރަށް އާންމުންގެ ޝަކުވާ ވެސް ބޮޑުވެ، ރުޅި 100އަށް އެރި އެވެ.

"މިއީ 100 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ފެން ހިދާ ނިޒާމުގެ ފެންވަރު،" ޓްވިޓާގައި މީހަކު ރުޅިގަނޑު ބޭލި އެވެ. އެއްބަޔަކު ބުނީ މިއީ މި ސަރުކާރުން ރައްޔިތުންނަށް ގެނެސްދިން ތަރައްގީގެ ފެންވަރު ހުރި ހިސާބު ކަމަށެވެ. ޖީބަށް ބާރުބޮޑުވި ތަރައްގީއިން ލިބުނީ ގެއްލުން ކަމަށް އެއްބަޔަކު ބުންޏެވެ.

"ހަމަވާރޭ ކޮޅެއް ވެހޭއިރަށް މި އޮތީ މުޅި މަގު 'މުއިއްޒުވެފައި' [ކަމެއް ގޯސްވުމަށް ބުނާ ބަހެއް]. މިއީތަ ޖީބަށް ބަރުކޮށްގެން ގެނައި ތަރައްގީ،" މީހަކު ހިޔާލުފާޅުކުރި އެވެ.

ޒުވާނެއް ކަމަށްވާ، ހަސީން ބުނީ، އޭނާ ބަރާބަރަށް ކޮންމެ މަހަކުވެސް ޖީއެސްޓީ ދައްކާ ކަމަށެވެ. އެކަމަކު ޖީއެސްޓީ ދައްކާފައި ނިކުންނަ އިރު މީރާ ކުރިމަތިން އަމީނީ މަގުވެސް އޮންނަނީ ފެންބޮޑުވެފައި ކަމަށް ބުނެ އޭނާ ޝަކުވާކުރި އެވެ. ބަރާބަރަށް ރައްޔިތުން ޓެކްސް ދައްކާއިރު މިއީ ހައްލު ނުކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ދެކެ އެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނުއްސުރެ މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާ ކަމަށާއި ބައެއް ސަރަހައްދުތަކުގައި ހިނގަން އުނދަގޫވާ ވަރަށްވެސް ފެން ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ގިޔާސުއްދީން ސްކޫލް ސަރަހައްދުން ބޭރު މަގުގައި ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، މިރެއިން ފެށިގެން މާދަމާ ހެނދުނުގެ ނިޔަލަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދުތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނޭ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާ 10 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ. ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.