ހަބަރު

ކޯލިޝަން ރޫޅާލުމުގެ "މިސްޓޭކު" އަލުން ނުހަދާނަން: ގާސިމް

މިދިޔަ ފަސް އަހަރުގެ ތެރޭގައި ކޯލިޝަން ރޫޅިގެން ދިޔުމުގެ ހިތި ތަޖުރިބާ ޖުމްހޫރީ ޕާޓީ އިންކޮށްފައިވާ ކަމަށާއި އެ މިސްޓޭކު އަލުން ނަހައްދަވާނެ ކަމަށް އެ ޕަޓީގެ ލީޑަރު ކަމަށް މިއަދު ހޮވިވަޑައިގަތް އެ ޕާޓީގެ ބާނީ، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ލީޑަރަކު ހޮވުމަށް ބޭއްވި ކައުންސިލް ބައްދަލުވުމަށް ފަހު ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީ ފިޔަވާ މި ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ޖޭޕީގެ ކަމަށާއި އެހެންކަމުން ކުރިޔަށް އޮތްތަނުގައި ޕާޓީގެ މައްސޫލިއްޔަތު ވެސް ބޮޑުވާނެ ކަމަށެވެ. ސަރުކާރެއް އުފައްދާފައި އެ ސަރުކާރާ އެކީގައި ކުރިޔަށް ދިޔުމުގެ މުހިންމުކަން މިދިޔަ ދެ ދައުރުގެ ތަޖުރިބާ އިން ލިބިފައިވާ ކަމަށާއި އެހެންވެ އެ "މިސްޓޭކު" އަލުން ތަކުރާރު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކުގައި ސަރުކާރު ފަސް އަހަރަށް ހަލުވި ކަމާއެކުގައި ދަތުރު ކުރަން ޖެހޭނެ ކަމަށާއި އެ ދަތުރުގައި ސާބިތުކަމާއެކުގައި ތިބެން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެއްގޮތަކަށް ވެސް ޖުމްހޫރީ ޕާޓީއަކީ ދަތުރުގައި ހަލަބޮލިކަން ގެންނާނެ ޕާޓީއަކަށް ވެގެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ހަލަބޮލިކަމެއް ކޯލިޝަންގެ ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑު ކަށަވަރު ކުރަނީ އެއްވެސް ޖާގައެއް ނެތް ކަމަށް، އެއީ ކޮންމެ ބައެއް އަދި ކޮންމެ މީހަކަށް ވިޔަސް، ދިވެހިން ބޭނުން ވަނީ އިބޫ އާއި ފައިސަލްއާއެކު ފަށާ ފަސް އަހަރުގެ ދަތުރު ވަރަށް ބާއްޖަވެރި އަމާން އޮމާން ދަތުރެއްގެ ގޮތުގައި ނިންމުން،" ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ފަހު ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވާތީ އެކަމަށް ވެސް ވިސްނައިގެން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އިންތިހާބަށް ފަހު ޖުމްހޫރީ ޕާޓީ ހައިބަނޭޝަންގައި ނޯވެ އެކްޓިވްކޮށް މަސައްކަތް ކުރާނެ ކަމަށް ވެސް ގާސިމް ވިދަޅުވި އެވެ. އެ ޕާޓީ އަކީ ސިޔާސީ ދާއިރާގައި މުހިންމު ޕާޓީއަކަށް ވާއިރު އެ ޕާޓީ ވަރުގަދަ ކަމާ އެކު މަސައްކަތް ކުރެވޭ ވަރުގެ ބޭފުޅުން ޕާޓީގައި މިހާތު އެބަތިބި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.