ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ޕްރެޝާކޮށް، ރާއްޖޭގެ ޑިމޮކްރަސީ އިޔާދަކުރަން އަވަށްޓެރި އިންޑިއާއިން އަދާކުރި ދައުރު ފާހަގަކުރައްވައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތައުރީފު ކުރައްވައިފި އެވެ.
އީމެއިލް މެދުވެރިކޮށް އިންޑިއާގެ ޕީޓީއައި އަށް ދެއްވި އިންޓަވިއުއެއްގައި، ރައީސް ޔާމީންގެ ދައުރުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ގާތްވެ، އިންޑިއާ ކަނޑުގެ ސަރަހައްދަށް އަތްގަދަ ކުރާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން މައުމޫން ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގައި އިންޑިއާގެ "ކަންބޮޑުވުންތަކަށް" އިޖާބަދޭނެ ކަމަށެވެ.
"ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ކޮށްދީފައިވާ މަސައްކަތްތައް ބަލައިގަންނަން، ނަމަވެސް، އެކަމާގުޅިގެން އެޅިފައިވާ ބޮޑު ދަރަނީގެ ސަބަބުން އަޅުގަނޑުމެން ކަންބޮޑުވޭ، އަދި އެކަން ރަނގަޅަށް ބަލައި، މުރާޖާ ކުރަންޖެހޭ، އަޅުގަނޑު ޔަގީންކުރަން ޗައިނާއިން ދިވެހިންގެ ނިންމުމަށް ފުރިހަމައަށް އިހުތިރާމު ކުރާނެކަން،" ފެބްރުއަރީ މަހުން ފެށިގެން ޖަލުގައި ހުންނަވައި، މިމަހު މިނިވަންވި މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ދައުރުގައި އިންޑިއާއާއެކު އުފެދިފައި އޮތް ގާތްގުޅުން ހީނަރުވެފައިވީ ނަމަވެސް، އެ ގުޅުން ވެސް އިޔާދަ ކުރެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ފާއިތުވި މަދު އަހަރުގެ ތެރޭގައި ހިނގި ކަންކަމުގެ ސަބަބުން، ޒަމާނުއްސުރެ އުފެދިފައި އޮތް ގުޅުމަށް ގުޑުމެއް އަންނާނެކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ސިފަ ކުރައްވަމުން މައުމޫން ވިދާޅުވި އެވެ.
އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަރަށް އަވަހަށް ރާއްޖެއަށް ވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް މައުމޫން ވިދާޅުވި އެވެ.