ވިޔަފާރި

ދަމާސްއާ ގުޅިގެން ލަންކާގެ އަލްޓްއެއާ ލަގްޒަރީ އެޕާޓްމަންޓްތައް ވިއްކަން ފަށައިފި

ސްރީލަންކާގެ "އަލްޓްއެއާ" ލަގްޒަރީ އެޕާޓްމަންޓްތައް ރާއްޖޭގެ ދަމާސް ރެއަލްއެސްޓޭޓް ކުންފުނިންޏާ ގުޅިގެން ރާއްޖޭގައި މިއަދު ވިއްކަން ފަށައިފި އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ހިތްގައިމު ސަރަހައްދެއް ކަމަށްވާ "ކޮލަމްބޯ ދޭއް ޕީރިސް މަވަތާ" ގައި ހަދާ މި ލަގްޒަރީ އެޕާޓްމަންޓު ހަދަނީ ދެ ޓަވަރު ގުޅިގެންދާ ގޮތަށެވެ. މި ގޮތުން މިތަނުގެ މެއިން ޓަވަރުގައި 68 ބުރި ހުންނައިރު ޖެހިގެން ހުންނަ ޓަވަރުގައި 63 ބުރި ހުރެ އެވެ. މިތަނުގައި 400 އެޕާޓްމަންޓް ހުރެ އެވެ.

"ހޮޓެލް ޖެންގައި" މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދަމާސް ކުންފުނީގެ ޑިރެކްޓަރު ޒިޔާން ސޯލިހު ވިދާޅުވީ މިއީ ދިވެހިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

"ދިވެހިން ގިނަ އަދަދަކަށް ގޮސް އުޅޭ ކޮލަމްބޯގައި ދިރިއުޅޭ ދިވެހިންނަށް މިއީ ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ފެންވަރު ރަނގަޅު އެޕާޓްމަންޓެއް ހޯދުމަށް،" ޒިޔާން ވިދާޅުވި އެވެ.

ސާޅީސް ހާސް އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީކުރާ މި އެޕާޓްމަންޓް ކޮމްޕެކްސް ހުންނަ ސަރަހައްދަކީ ކޮލަމްބޯގެ އެންމެ ހިތްގައިމު އެއް ސަރަހައްދެކެވެ. މި ސަރަހައްދުގައި ބޭރަ ލޭކާއި ކޮލަމްބޯ ޕޯޓް އަދި ނަވަލޯކާ ހޮސްޕިޓަލްވެސް ހުރެ އެވެ. މި އެޕާޓްމަންޓް ކޮމްޕެލްސްގައި 1،468 އަކަފޫޓުން ފެށިގެން 5،200 އަކަފޫޓުގެ އެޕާޓްމަންޓްތައްވެސް ހުރެ އެވެ. މީގެ އިތުރުން ޕްރެޒިޓެންޓަލް ސުވިޓްސް އާއި ސްކައި ވިލާވެސް ހުރެ އެވެ. މި އެޕާޓްމަންޓުތަކުގެ އަގުތައް އުޅެނީ 400،764 ޑޮލަރާއި ދެ މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެފައިވެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ނިންމައި ހުޅުވުމުގެ މަސައްކަތް ކުރަމުން ގެންދާ މި ފުރިހަމަ އެޕާޓްމަންޓް ކޮމްޕެކްސް ފަރުމާކޮށްފައިވަނީ ސިންގަޕޫރުގެ މެރީނާބޭ ސޭންޑްސް ފަދަ މަޝްހޫރު އިމާރާތްތައް ކުރަހާފައިވާ މަޝްހޫރު ފަރުމާކުރުންތެރިޔާ މޯޝޭ ސަފްދީ އެވެ.