ލަންޑަން (ޑިސެމްބަރު 28) – ޗެލްސީގެ ކެޕްޓަން ޖޯން ޓެރީގެ ކޮންޓުރެކްޓް އެ ކްލަބުން އާކުރުމަކީ ޝައްކެއް ވެސް އޮތް ކަމެއް ނޫން ކަމަށް ޗެލްސީގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފި އެވެ.
ޓެރީ ،34، ޗެލްސީއާއެކު މިހާރު ހަދައިފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ.
މޮރީނިއޯ ބުނީ ޗެލްސީން ޓެރީގެ ކޮންޓުރެކްޓް އާކުރާނެކަމާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ.
"ޓެރީގެ ކޮންޓުރެކްޓް ޗެލްސީން އާކުރާނެ ކަމާމެދު އެއްވެސް ޝައްކެތް ނެތް. އަހަންނަށް އެކަން އެނގޭ. ޓެރީ އަށް ވެސް އެކަން އެނގޭ،" މޮރީނިއޯ ބުންޏެވެ. "ޓެރީ އަކީ ޗެލްސީ އަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އެހެންވީމަ ކްލަބުން އޭނާގެ ކޮންޓުރެކްޓް އާކުރާނެ."
ޓެރީ މިހާރު ވެސް ކުޅެމުންދަނީ 2006 ވަނަ އަހަރު އިނގިރޭސި ލީގު ޗެމްޕިއަންކަން ޗެލްސީ ހޯދިއިރު އޭނާ ހުރި ފެންވަރުގައި ކަމަށް ބުނެ، މޮރީނިއޯ ވަނި ދާދި ފަހުން ޓެރީ އަށް ތައުރީފްކޮށްފަ އެވެ.
ޗެލްސީގައި މުޅި ކެރިއަރު ހޭދަކޮށްފައިވާ ޓެރީ ވަނީ އެ ކްލަބަށް 600 އަށްވުރެ ގިން މެޗު ކުޅެފަ އެވެ. -- ބީބީސީ