ސުޕްރީމް ކޯޓް

ޕީޕީއެމް މައްސަލާގެ ފައިލް ނެގީ ޝަކުވާތަކަކާ ހެދި: ސުޕްރީމް ކޯޓު

ޕީޕިއެމްގެ ބާރުތަށް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކޮށްފައިވާ އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ ހަވާލުކޮށްދިނުމަށް އެދި އަމިއްލަ ދެ ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަަލަތަކުގެ ފައިލްތައް ސްޕްރީމް ކޯޓުން ނެގީ ހުށަހެޅިފައިވާ ޝަކުވާތަކަކާ ގުޅިގެން ކަމަށް އެ ކޯޓުން ބުނެފި އެވެ.

ޕީޕީއެމްގެ އާންމު މެމްބަރެއް ކަމަށްވާ ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕަކީ ސައްހަ ލީޑަރޝިޕެއް ނޫން ކަަމަށާއި، ޕީޕީއެމްގެ ރައީސްއަކީ ރައީސް މައުމޫން ކަމަށެވެ.

ހަމަ އެފަދަ ދައުވާއެއް ލ. ގަން، ތުނޑި، ހަވި، އަލީ އަހުމަދު ވެސް ސިވިލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

އެ ދެ މައްސަލާގެ ފައިލްތައް އިއްޔެ ސުޕްރީމް ކޯޓުން ނެގި ސަބަބެއް ކަމަށް އެ ކޯޓުން ބުނީ އެ ދެ މައްސަލައާ ގުޅޭ ގޮތުން އެ ކޯޓަށް ހުށަހަޅާފައިވާ ޝަކުވާގެ މައްސަލަތައް ބަލަމުންދާތީ ކަމަށެވެ. ނަމަވެސް އެ ޝަކުވާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އަދި ޝަކުވާ ހުށަހެޅި ފަރާތެއް ވެސް ނުބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ޕީޕީއެމްއިން ދާދި ފަހުން ބޭއްވި އެ ޕާޓީގެ ކޮންގްރެސް ބަލައިނުގަންނަ ކަމަށް ނިންމާފަ އެވެ. އަދި ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ޕީޕީއެމްގެ ލީޑާޝިޕް ބަލައި ނުގަންނަންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ޕީޕީއެމްގެ އިންތިހާބީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވެސް ވަނީ އެމަނިކުފާނަކީ އަދިވެސް ޕީޕީއެމްގެ ރައީސްކަން ކަނޑައަޅައިދޭން އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިފަ އެވެ. ރައީސް މައުމޫން ޕާޓީގެ ރައީސް ކަމުން ވަކިކޮށްފައިވަނީ ޕީޕީއެމްގެ މެމްބަރުކަމުން ވަކި ކުރުމަށްފަހު އެވެ. އެހެން ނަމަވެސް އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ރައީސް މައުމޫން އެ މަގާމުން ވަކި ކުރެވޭނީ އެ ޕާޓީގެ ގައުމީ ޖަލްސާއަކުންނެވެ.

ޕީޕީއެމްގެ ހިންގުން ރައީސް މައުމޫންގެ އަތްޕުޅުން ނަންގަވައި، ރައީސް އަބްދުﷲ ޔާމީންއާ ހަވާލު ކުރީ ވެސް ސިވިލް ކޯޓުގެ ހުކުމަކުންނެވެ. އެ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ތާއިދުކޮށްފައިވެ އެވެ.