ހަބަރު

މަޖިލީހުގެ ގޮނޑި ސަލާމަތްވާ މެމްބަރުންނަށް މާލީ ބަޔާން ހުށަހަޅަން ފުރުސަތުދޭނެ: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަަމަށް މީގެ ކުރިން ނިންމާފައިވާ މެމްބަރުންނާއި، ޖަލު ބަންދުގައި ތިބެން ޖެހުނު މެމްބަރުންނަށް މާލީ ބަޔާންތަށް ހުށަހަޅަން ފުރުސަތު ދޭނެ ކަމަށް މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން ހުށަނާޅާ ކަމަށްބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހާމަކޮށްފައިވާ ހަތް މެމްބަރުންގެ ތެރޭގައި ގޮނޑި ގެއްލިފައިވާކަމަަށްބުނާ ބައެއް މެމްބަރުންނާއި، ފުލުހުންގެ ހައްޔަރުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފާރިސް މައުމޫން ވަނީ ޓުވީޓެއްވެސް ކުރައްވާފަ އެވެ. ފާރިސްވަނީ އޭނާ ހުންނެވީ ޖަލު ބަންދުގައި ކަމަށާއި، ނަން އާންމުކުރުމުގެ ކުރިން ފާރިސްގެ ބަހެއް ހޯދިނަމަ ރަނގަޅުވީސް ކަމަށް ވިދާޅުވެފަ އެވެ.

ޓްރާންސް ޕޭރެންސީން އާންމުކޮށްފައިވާ މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލިފައިވާކަމަށް މީގެ ކުރިން ނިންމާފައިވާ މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ ސިނާނާއި، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެެވެ. އޭގެ ތެރެއިން ސިނާންވެސް އަށް މަސްދުވަހު ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ.

އެ މައްސަލައާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ"އަވަސް"އަށް ވިދާޅުވީ އެ މެމްބަރުންނަކީ މެމްބަރު ކަމުގެ ހައިސިއްޔަތު ގެއްލިފައިވާކަަމަށް އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ނިންމައި މަޖިލީހަށް ވަނުމުގެ ފުރުސަތު ލިބިފައިނުވާ މެމްބަރުން ތަކެއް ކަމަށެވެ. އެހެން ނަމަވެސް އެ މެމްބަރުންގެ ގޮނޑިތަށް އިޔާދަވާ ދުވަހުން ފެށިގެން، މަޖިލީހުން ކޮށްދޭންޖެހޭ ހުރިހާ ކަމެއްވެސް އެމެންބަރުންނަށް ހަމަޖައްސައިދެމުން ގެންދާނެ ކަމަށެވެ.

މޫސަ ވިދާޅުވީ އެ މެމްބަރުންނަށް މާލީ ބަޔާން ބޭނުން އިރަކުން މަޖިލީހަށް ހުށަހެޅޭނެ ކަމަށާއި، އެ ފުރުސަތުވެސް ދެއްވާނެ ކަމަށެވެ. އަދި މަޖިލީހަށް މާލީ ބަޔާން ހުށަހެޅިޔަސް އެ ބަޔާނަކީ އާންމުކުރަން ޖެހޭ ބަޔާނެއް ނޫން ކަމަށާއި، މެމްބަރުންގެވެސް ހައްގުތަކެއް ވާކަމަށް މޫސަ ވަނީ ވިދާޅުވެފަ އެވެ.