ލައިފްސްޓައިލް

ނަސޯރާއިންގެ ބޮޑު ސަގާފަތެއް ދިވެހިން ފޫހިފިލުވައިދޭ "ސީކްރެޓް ފްރެންޑަކަށް"

މިއީ އާ ކަމެއް ނޫނެވެ. މިއީ ދިވެހިން މަޝްހޫރުވެފައިވާ ގޮތެވެ. ދިވެހިންހާ ދީނަށް ލޯބިކުރާ ބަޔަކު ހަގީގަތުގައި ވެސް ނެތެވެ. އެއީ ތަނަކުން މުސްލިމަކު މަރުވާ އިރަށް ނުވަތަ ކާފަރުންގެ ހަމަލާއެއް މުސްލިމުންގެ ބަޔަކަށް އަމާޒުވާއިރަށް ނުވަތަ ހުޅަނގުގެ ބަޔަކު ފުރައްސާރައިގެ ކާޓޫނެއް ކުރަހާލާއިރަށް ވެސް، އެންމެ ފުރަތަމަ އެކަމެއް ކުށްވެރިކޮށް ފޭސްބުކް ޕޭޖުގެ ޕްރޮފައިލް ފޮޓޯ އާއި ކަވާ ފޮޓޯގަނޑު ބަދަލުކޮށް އެކަމަކާ ދެކޮޅަށް އަޑުއުފުލައި ޝަކުވާގެ ސްޓެޓަސް ޖަހައި ޗިސްވެފައިވާ ކުޑަކުދިންގެ ފޮޓޯތައް ވެސް ޝެއާކޮށް ދުނިޔެ ހޭލުންތެރިކުރުމުގެ ކެމްޕޭންތަކެއް އެންމެ ފޯރީގައި މި ޖައްސަނީ ދިވެހިންނެވެ.

އެއީ ދިވެހިންގެ ހިތުގައި އިސްލާމްދީނަށާއި މުސްލިމުންނަށް ދީފައިވާ މަގާމުގެ މަތިވެރިކަމުންނާއި ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުން ކުރެވޭ ކަންކަމެވެ. ދެން މި އޮތީ ހުޅަނގުގެ ފެޝަންތަކަށާއި ސަގާފަތްތަކަށް ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުން މިވެރިންގެ މި ދެންނެވި ހުރިހައި ހެޔޮ އަމަލުތަކަކާ ދިމާ އިދިކޮޅަށް ކުރެވޭ ދެ ތިން ކަމެއްގެ ވާހަކަ އެވެ.

ދިވެހިންގެ މުޖުތަމައުގެ އެތުރުންގަނޑު އޮތްގޮތުން މުނިފޫހިފިލުވުމުގެ ނަމުގައި ފާޑުފާޑުގެ ހަރަކާތްތައް ހިންގުމަކީ ފަސޭހަ އަދި ބައެއް ހާލަތްތަކުގައި ހުއްދަ ކަންކަމެއް ވެސް ނޫނެވެ. ފަހަރެއްގައި މި ކޮންޓްރޯލެއް ގެންގުޅެނީ ދިވެހިން ސައްތައިން ސައްތަ މުސްލިމުންކަމުގައިވީތީ އެ ޝަރަފާއި ފަހުރު ދެމެހެއްޓުމަށެވެ. ނުވަތަ ހަގީގަތުގައި ވެސް ދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

ނަމަވެސް ބައެއް ދިވެހިންގެ ހިތުގައި ދީނުގެ ދަންމަރު ދިއްލެނީ އިޒްރޭލުގެ ހަމަލާއެއްގައި ފަލަސްތީނުގެ މީހަކު ނުވަތަ ކުޑަކުއްޖަކު މަރާލުމުން ކަމުގައޭ ދެންނެވުމަކުން ހަމަ އެއްވެސް ގޯހެއް ނެތެވެ. ސަބަބަކީ "ކާފަރުން" ގެ ގޮތުގައި ސިފަކުރާ ހުޅަނގުގެ ދީނީ ސަގާފަތްތަކަށް ވަރަށް ގިނަ ދިވެހިންގެ ހިތްޖެހި، ހިތާއި ހިތުގެ ގުޅުމެއް މި ދެމެދުގައި އުފެދިފައިވީމަ އެވެ.

ކުރިސްމަހަކުން ފަށާނެ ކަމެއް ނެތެވެ. ފަށާނީ ސީކުރެޓް ފުރެންޑުންނެވެ.

މިއީ އޮފީސްތަކުގައި ވަޒީފާއަދާކުރާ ވަރަށް ގިނަ ދިވެހިންގެ "އެންމެ ބޮޑު ބެސްޓް ފްރެންޑެވެ". ހާއްސަކޮށް އަންހެންވެރިންގެ މެދުގައި ނިކަން މަގްބޫލުކަން ހޯދާފައިވާ ކުޅިވަރެކެވެ. ފަހަރެއްގައި ހިތަށް އަރާހާ އެއްޗެއް މި ގޭމު ކުޅެގެން އުނގަށް ވެއްޓޭތީ ކަމަށް ވެސް ވެދާނެ އެވެ.

"އަހަރެމެން އޮފީހުގައި ސީކްރެޓް ފްރެންޑް ކުޅޭނެ ކޮންމެ މަހަކު ވެސް،" މިއީ އޮފީހުގެ އެހެން މުވައްޒަފުންނާ އެކު ސީކްރެޓް ފްރެންޑް ކުޅޭ ޒުވާން އަންހެން ކުއްޖަކު ބުނި ވާހަކަ އެކެވެ.

އެހެންވީމަ ބައެއް ދިވެހިން މި އުޅެނީ މި ގޭމުގެ އަސްލު އަހުލުވެރިން ކަމުގައިވާ ނަސޯރާއިންނަށް ވުރެން ވެސް ކުރީގައެއް ނޫން ހެއްޔެވެ؟ ސީކްރެޓް ސަންޓާ ނުވަތަ ސީކްރެޓް ފްރެންޑަކީ ނަސޯރާއިންގެ ބޮޑު ދުވަސް ކަމުގައިވާ ކްރިސްމަސް ޑޭގެ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްހޫރު ގޭމެކެވެ.

ދިވެހިންނަށް ކުޅިވަރަކަށްވިޔަސް، އެމީހުންގެ ދީނީ ޗުއްޓީތަކުގެ ތެރެއިން އަންނަ ސަގާފީ އައިޓަމެކެވެ.

"އަހަރެމެން ކޮންމެހެން ސީކްރެޓް ފްރެންޑް ކުޅެނީ ކްރިސްމަސް ފާހަގަކުރާކަށް ނޫން. މިއީ އެކަކު އަނެކަކަށް ހަދިޔާ ބަދަލުކޮށް އޮފީސް ތެރޭގައި އެކުވެރިކަން އާލާކުރުމަށް އަހަރެމެން ކުޅޭ ކުޅިވަރެއް،" ނަން ހާމަނުކުރުމަށް އެދި ކުރިން ވާހަކަ ދެއްކި އަންހެން ކުއްޖާ ދެން ބުނީ މިހެންނެވެ.

ރަނގަޅު ވާހަކައެކެވެ. ބުއްދިވެރިން ބުނެ އުޅެއެއް ނޫން ހެއްޔެވެ. ގޯހީ ކުރާ ކަމެއް ނޫނެވެ. މީހާގެ އަމަލު ގޯސް ވަނީ ނިއަތް ގޯސްވާ ހިސާބުންނެވެ.

އެހެންވީމަ "ސީކްރެޓް ފްރެންޑް" އޮފީސްތަކުގައި ކުޅެ ފޯރި ނަގަމުން އަންނަ ގިނަ ދިވެހިން ވެސް ގަބޫލުކުރާ ގޮތަކީ މިއީ އެވެ. އެމީހުން މި އޮތީ ނަސޯރާއިންގެ ސަގާފަތެއް "ޒަކާތާ" އެއްވަރުކޮށްފަ އެވެ.

ކޮންމެއަކަސް ސީކްރެޓް ފްރެންޑްވެފައި ވަނީ އޮފީސްތަކުގައި "ވައިވެފައި" ތިބޭ ވަރަށް ގިނަ ބަޔަކު ހޭލައްވާލައިގެން، ލޭކައްކާލައިގެން ގެންގުޅޭ ބޮޑު މަޖާގަނޑަކަށެވެ. މިސާލަކަށް މި ގޭމެއް ކުޅެގެން އޮފީސް މުވައްޒަފުންތައް އެމީހުންގެ މެދުގައި ހަދިޔާތައް ބަދަލުކުރާނީ އާންމުކޮށް މަސް ފެށޭ ތަނުންނެވެ. ނުވަތަ މަހުގެ މުސާރަ އަތަށް އަރާ ތަނުންނެވެ.

މި ސަބަބާ ހެދި މި ގޭމްގެ އެޑިކްޝަން ލެވެލް ވެސް މަތިވެގެންދެ އެވެ. ގޭމު ކުޅޭ އެންމެން ވެސް ތިބޭނީ އެތައް ދުވަހެއް ކުރިން އެމީހުން ބޭނުންވާ "ގިފްޓްތައް" ހިތުލައިގެން ނުވަތަ އޭގެ ލިސްޓެއް މަސްހުނިކޮށް ބަހާލައިގެން މި ގިފްޓްތަކެއްގެ އިންތިޒާރުގައި ދުވަސް ގުނާލަގުނާލަ އެވެ.

ޔަގީނަށް ވެސް ކުރިއަށް އޮތް ރޯދަ މަހަށް ވުރެ ބޮޑަށް "ސީކްރެޓް ފްރެންޑް" ގެ ހަދިޔާތަކަށް އިންތިޒާރުކުރާ ދިވެހިން ގިނަވާނެ އެވެ. ދެން މިހެން ބުނީމަ ރުޅިއަރައިގަނެގެން ވައްތަރުޖައްސަމުން ދުއްވައިގަންނާނީކީއެއް ނޫނެވެ.

މި ވައްތަރަށް ފެޝަނަށް ލޯބިކުރާ ބަޔަކު މުޅި ދުނިޔޭގައި ވެސް ތިބިހެނެއް ހީއެއް ނުވެ އެވެ. މިއީ ހުޅަނގުގެ ކާފަރުން ދެކެ ދިވެހިން އަންނަ ރުޅިއާ އެއްވަރުގެ ލޯތްބެއް އެމީހުންގެ ސަގާފަތުގެ ބަޔަކަށް ޖެހިފައިވާ އަނެއް ދިމާލެވެ.

މާ ކުރީގެ ވާހަކައަކުން ފަށާ ނަމަ ދިވެހިންނަކީ ބުރުގާ އަޅައިގެން އައުރަ ނިވައުކޮށްގެން ތިބި ބައެއް ނޫނެވެ. ހާއްސަކޮށް ދިވެހިން ހެދުން އެޅުމުގެ ވައްޓަފާޅި އޮތީ ދެން ހުރި މީހާގެ ލޮލަށް ވަރަށް ބޮޑަށް ހުޅުވާލެވިފަ އެވެ. ދިވެހި އަންހެންވެރިންނަށް ހާއްސަ ތަފާތު އެކި ލިބާސްތަކަށް ބަލާލިޔަސް އެ ހެދުންތަކަކީ ސީދާ އަންހެން މީހާ ވަނާތަކުގެ ފުރިހަމަކަމާއި ހިތްގައިމުކަން ދައްކަން ޑިޒައިންކޮށްފައިވާ ހެދުންތަކެއްކަން އެނގޭނެ އެވެ.

އެހެންނަމަވެސް މިއަދު މި އޮތީ އަދި އެއަށް ވުރެން ވެސް އާދަޔާހިލާފު ސްޓައިލެކެވެ.

ވަރަށް ގިނަ ދިވެހި އަންހެނުންނަކީ މިއަދު ބުރުގާ އަޅާ މީހުންނެވެ. ބުރުގާ އަޅާ ހިތްނުވާ އަންހެން ކުއްޖާ ވެސް މި ފެންނަނީ ބުރުގާ އަޅައިގެން ހުންނަ މަންޒަރެވެ. ބޭނުންގޮތަކަށް ނުވަތަ ހިތުހުރި ގޮތަށް ބުރުގާ އެޅުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށް ވެސް ލިބިދީފައިވީމަ އެވެ.

މި ޓްރެންޑް ބަލެއް ވެސް ނުވި އެވެ. އެގޮތުން މި ޓްރެންޑެއްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ސްޓައިލަކީ ގަޔަށް ނިކަން ބާރު ހެދުންތަކާ އެކު ބުރުގާ ސްޓައިލަކާއި ހެދުން އެޅުމުގެ ބޭނުން ކެނޑޭވަރަށް ސީތުރޫ ހެދުންތަކާ އެކު އެމެރިކާގެ ދިދަޖެހި ފޮތިގަނޑަކުން ނުވަތަ އިނގިރޭސި ވިލާތުގެ ދިދަ ޖެހި ފޮތިގަނޑަކުން "ޒަމާނީ" ގޮތަކަށް ބުރުގާ އެޅުމުގެ ސްޓައިލެވެ.

މާލޭގެ މަޖީދީ މަގުން ނުވަތަ އެހެން މަގަކުން ބުރެއް ޖަހާލިޔަސް މުޅި ހިސާބުގަނޑުން ފެންނާނީ މި ދެންނެވި ސްޓައިލަށް ހެދުންއަޅާ މީހުންގެ އޮރިޔާމެވެ.