overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އިލެކްޝަންސް ކޮމިޝަން

އިންތިހާބުގައި އުޅުނު އޮފިޝަލުންނަށް ސިޔާސީ ބަޔަކު ބިރު ދައްކަމުން އެބަދޭ: އީސީ

Oct 30, 2018
3

ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރި އިލެކްޝަންސް ކޮމިޝަންގެ ވަގުތީ މުވައްޒަފުންނަށް އިލެކްޝަންސް ކޮމިޝަންގެ ނަމުގައި ގުޅައި ބިރު ދައްކަމުން އަންނަ ކަމުގެ ޝަކުވާ ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.

އެކަން ކުށްވެރި ކުރުމުގެ ގޮތުން އީސީއިން މިރޭ ނެރުނު ބަޔާނުގައި ބުނީ އިންތިހާބުގެ ތެރޭގައި މަސައްކަތް ކުރަން ނެގި ބައެއް ވަގުތީ މުވައްޒަފުންގެ ފޯނަށް އީސީގެ ނަމުގައި ގުޅައި، ބައެއް މީހުން އިލެކްޝަންސް ކޮމިޝަނުގެ އިމާރާތާ ހަމަޔަށް ގެނެސް، އެ މުވައްޒަފުންނަށް އޮޅުވާލައިގެން، އެހެން ތަންތަނަށް ގެންގޮސް، އެފަދަ މުވައްޒަފުންނާ އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ސުވާލުކޮށް، ބިރުދައްކައި ހަދަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. މީގެ އިތުރުން އީސީގެ މެންބަރުންނާއި މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ވެސް އިންޒާރުދީ ބިރު ދައްކަމުން އަންނަކަމަށް އީސީގެ ބަޔާނުގައިވެ އެވެ.

"މި ކަމަކީ، ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކަށް ތާއީދުކުރާ ސިޔާސީ ވަކިބަޔަކު އިސްވެ ތިބެގެން ކުރާ ކަމަކަށްވީނަމަވެސް، މިފަދަ އަމަލުތަކަކީ، ގާނޫނު ނަންބަރު 4/2013 [ސިޔާސީ ޕާޓީގެ ގާނޫނު]ގެ 7 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ޚިލާފު، އަދި ޑިމޮކްރެސީ އާ ވަރަށް ބީރަށްޓެހި، ވަރަށް ނާތަހުޒީބު ޢަމަލަކަށްވާތީ، މި ފަދަ ޢަމަލުތައް އިލެކްޝަންސް ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ، އީސީގެ ކުރީގެ މުވައްޒަފެއްގެ ފަރާތުން ނޫނީ ކޮމިޝަންގެ މިހާރުގެ މުވައްޒަފެއްގެ ފަރާތުން ވެސް އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހާލަތެއްގައި މުއާމަލާތް ކުރާނީ، ކޮމިޝަންގެ ރަސްމީ ލިޔުމަކުން ނުވަތަ ކޮމިޝަނުގެ ފޯނު ލައިން މެދުވެރިކޮށް ކަމަށެވެ.

"ވީމާ، މިފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، ޤާނޫނުއަސާސީ ގެ 24 ވަނަ މާއްދާއިން، މި ކޮމިޝަނުގެ މުވައްޒަފުންނަށާއި، މެންބަރުންނަށް ލިބިދީފައިވާ ޒާތީ ދިރިއުޅުމުގެ ހައްގަށް އަރައި ނުގަތުމަށް އިސްވެ ދެންނެވުނު ފަރާތްތަކަށް އަންގައި، އިލްތިމާސް ކުރަމެވެ،" އީސީގެ ބަޔާނުގައިވެ އެވެ.