ޖަކާޓާ (އޮކްޓޯބަރު 31) - ހޯމަ ދުވަހު ހެނދުނު އިންޑޮނޭޝިއާ އިން ފުރައިގެން، ސުމާޓްރާ އަށް 189 މީހުން ގޮވައިގެން ދަތުރުކުރަނިކޮށް ވެއްޓުނު ލަޔަން އެއާގެ ބޯޓު ހޯދުމުގެ މަސައްކަތުގައި ކުރިއެރުމެއް ލިބިފައިވާކަމަށް އިންޑޮނޭޝިއާގެ ސިފައިން ބުނެފި އެވެ.
އިންޑޮނޭޝިއާގެ ސިފައިން ބުނެފައިވާ ގޮތުގައި، ވެއްޓުނު ބޯޓުގެ މައި ބައިތައް އޮތް ކަމަށް ބެލެވޭ ސަރަހައްދު މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް، ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ޓީމުތަކުން އެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް ވެސް ސިފައިން އިތުރަށް ބުނެފައިވެ އެވެ.
ޖަކާޓާ އިން ފުރިތާ 13 ވަރަކަށް މިނެޓު ތެރޭގައި ބޯޓުގެ އެއްވެސް ހަބަރެއް ނުވެގެން އުޅެނިކޮށް، ބޯޓު ވެއްޓިފައިވާކަމަށް އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައި އެވެ.
އޮފިޝަލުން ވިދާޅުވިގޮތުގައި، ބަޖެޓު އެއާލައިނެއް ކަމުގައިވާ ލަޔަން އެއާގެ ބޯޓުން ދަތުރުކުރި 181 ފަސިންޖަރުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭއިރު، ކްރޫގެ އަށް މެމްބަރުން ހިމެނޭކަމަށެވެ.
ބޯޓު ސީދާ ވެއްޓެން މެދުވެރިވި ސަބަބު ދެނެގަނެވޭނީ، ބޯޓުގެ މައި ބައިތައް ހޯދިގެންކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައި އެވެ.
ވެއްޓުނު ލަޔަން އެއާގެ ބޯޓުގެ ބައެއް އިންސްޓްރުމެންޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނުމާއި ގުޅިގެން، ބޮއިންގް 737 މެކްސް 8 މަރުކާގެ ހުރިހާ ބޯޓުތަކުގެ ސަލަމާތީގޮތުން ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ އަންގާފައި އެވެ.
ނަމަވެސް، ލަޔަން އެއާ އިން ބުނީ އެ ދަތުރުގައި ފާހަގަވި މައްސަލަތައް ހައްލުކޮށްފައިވާ ކަމަށެވެ.
ބޯޓު ވެއްޓުނު ސަރަހައްދު އަދިވެސް ހޯދަމުންދާއިރު، އެ ހާދިސާގައި މިހާތަނަށް އެއްވެސް މީހަކު ސަލާމަތްވެފައިވާ ކަމެއް ރަސްމީ އިދާރާތަކުން ބުނަފައެއްނުވެ އެވެ.