ދުނިޔެ

ޖަރުމަނުގައި 100 ބަލިމީހުން މަރާލިކަމަށް ނަރުހެއް އިއުތިރާފުވެއްޖެ

Oct 31, 2018

ބާލިން (އޮކްޓޯބަރު 30) - ޖަރުމަނުގައި 100 ބަލިމީހުން މަރާލިކަމަށް ތުހުމަތުކުރެވޭ ފިރިހެން ނަރުހެއް، އެ ތުހުމަތުތަކަށް ކޯޓުގައި އިއުތިރާފުވެއްޖެ އެވެ.

މިހާރުވެސް، ހަ ބަލިމީހުން މަރާލިކަމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ، 41 އަހަރުގެ ނީލްސް ހޯގަލް ވަނީ އެ ތުހުމަތުތަކަށް އިއުތިރާފުވެފައި އެވެ.

އިއްޔެ ފެށި ޝަރީއަތުގެ ބޭނުމަކީ، ދެ ހޮސްޕިޓަލެއްގައި 2000 ވަނަ އަހަރާއި 2005 އަހަރާއި ދެމެދު ހޯގަލް ހިންގި ޖަރީމާތަކުގެ ހަގީގަތް ހާމަކުރުންކަމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ވިދާޅުވެފައި އެވެ.

މެޑިކަލް އޯވަޑޯޒެއް ދިނުމަށްފަހު ހޯގަލް ބަލި މީހުން މެރިއިރު، ދެ ހޮސްޕިޓަލުގެ އިހުމާލުވެސް ވާ ކަމަށް ވަނީ ތުހުމަތުކުރެވިފައި އެވެ. ނަމަވެސް، އޭނާގެ ބޭނުމަކީ ބަލި މީހުން މެރުން ނޫންކަމަށާއި، އޭނާ ބޭނުންވީ މެޑިކަލް އޯވަޑޯޒް ދިނުމަށްފަހު އެ ބަލި މީހުން އަލުން ސަލާމަތް ކުރަންކަމަށް، ހޯގަލް ބެލި ސައިކޮލޮޖިސްޓެއް ވަނީ ބުނެފަ އެވެ.

އެ މައްސަލަ ފެންމަތިވެ، ހޯގަލްގެ ބެލުމުގައި ދަށުގައި މަރުވި 130 ބަލި މީހުންގެ ހަށިގަނޑު ވަނީ ކޮނެގެން އަލުން ނަގާފައި އެވެ.

އޮފިޝަލުން ގަބޫލުކުރަނީ، ހޯގަލް މަރާލި މީހުންގެ އަދަދު 200 އަށް އަރާނެކަމަށެވެ. އަދި ހޯގަލްއަކީ، ދުނިޔޭގެ ތާރީހުގައި އެންމެ ނުރައްކާތެރި "ސީރިއަލް ކިލާ" ގެ ގޮތުގައި ވެސް ގިނަ ބަޔަކު ވަނީ ސިފަކޮށްފައި އެވެ.