ރައްޔިތުންގެ މަޖިލިސް

މޫސާގެ އިތުބާރު ނެތް ކަމަށް ޕީޕީއެމްއިން ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމްއިން ހުށަހަޅާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަކި ކުރެއްވުމަށް އެދި އިދިކޮޅުން މައްސަލައެއް ވެއްދީ ބަންދު ދުވަސްތަކާއި، ރޭގަނޑާއި ދުވާލު ޖަލްސާ ބާއްވާތީ އާއި މެންބަރުންނަށް އެކަށިގެންވާ ގޮތެއްގައި އެނގުމަކާ ނުލާ ޖަލްސާތައް ކުރިޔަށް ގެންދާތީ ކަމަށެވެ. މިއަދު ވެސް މަޖިލީހުގައި ކަންތައްތައް ހިނގަނީ އެ މޭރުމުން ކަމަށާއި ނަމަވެސއެ ވާހަކަ ދައްކާނެ އެއްވެސް މީހަކު މިއަަދު ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ.

ރިޔާސަތުގައި އިންނަވައިގެން މޫސަ އަމަލު ކުރައްވަނީ ވަރަށް ހުދުމުހުތާރު ގޮތަކަށް ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީަށް ހުށަހަޅުއްވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ރޭ ނިދަން އޮއްވާ އެންގީ މިއަދުގެ މި ޖަލްސާ ނެތް ކަމަށް، މިއަދު 10:45 ގައި އައީ 11:00 ޖާހާއިރު ޖަލްސާ އޮތް ވާހަކަ، މިއަދަކު މިކަމާ ވާހަކަދައްކާނެ މީހަކު ނެތް، އިއްޒައްތެރި ރައީސް ތިކަންތައް ކުރައްވަނީ ވަރަށް ހުދު މުހުތާރު ގޮތަކަށް، އަޅުގަނޑު ދަންނަަވާލަން ބޭނުން މިހާރު ގޮނޑީގަ ތި އިންނެވި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް އޮތް ދެތިން ދުވަސް ތެރޭ ވައްދާނަން،" ފަލާހު ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ ޖަލްސާ އޮންނަ ގަޑިތައް އަދިވެސް ކަނޑައަޅުއްވަނީ މަސީހު ކަމަށެވެ. އެގޮތުން ޖަލްސާ ކެންސަލް ކުރެއްވުމަށް ރޭ އެނގެވުމާއި މިއަދު އަލުން އެ ޖަލްސާ ބާއްވަން އެނގީ ވެސް މަސީހު ކަމަށް މޫސަ ވިދާޅުވި އެވެ.