ވިޔަފާރި

ތިންވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ ކުރިނާރަ ހިފެހެއްޓިއްޖެ!

Nov 1, 2018

ސަރުކާރާއި ރައްޔިތުން ހިއްސާވާ މައި ކުންފުނި އެސްޓީއޯ އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ކުރިނާރައި އެއްވަރެއްގައި ހިފެހެއްޓިއްޖެ އެވެ.

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައިވަނީ ދެވަނަ ކުއާޓަރެކޭ އެއްގޮތަށް 47 މިލިއަން ރުފިޔާގެ ސާފު ފައިދާ އެކެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައިވެސް ލިބިފައިވަނީ 47 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 46 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން މި ކުއާޓަރުގައި 2.1 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ. އަދި މި ކުއާޓަރުގައި ހަރަދު ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ލިބިފައިވަނީ 292 މިލިއަން ރުފިޔާ އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 295 މިލިއަން ރުފިޔާ އެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް ތިންވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 41.76ރ. އެވެ.