ދުނިޔެ

ޚާޝުގްޖީ މަރާލި ގޮތުގެ ތަފްސީލުތައް ތުރުކީން ހާމަކޮށްފި

Nov 1, 2018

އިސްޓަންބުލް (އޮކްޓޯބަރު 31) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފައިވާ ގޮތުގެ ތަފްސީލުތައް ތުރުކީ އިން ހާމަކޮށްފި އެވެ.

އެ މައްސަލައާއި ގުޅިގެން، ފުރަތަމަ ފަހަރަށް ތުރުކީ ސަރުކާރުން އާންމުކުރި ރަސްމީ ބަޔާނެއްގައި ބުނީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޮކްޓޯބަރު 2 ވަނަ ދުވަހު ޚާޝުގްޖީ ވަނުމާ އެކު ކަރުގައި ހިފައިގެން އޭނާ މަރާލިކަމަށެވެ.

ތުރުކީގެ ޗީފް ޕްރޮސެކިއުޓަރު އިރްފާން ފިދާން ވިދާޅުވީ ސައުދީ އޮފިޝަލުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން މާބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް، ތުރުކީން އާންމުކުރި ރަސްމީ ބަޔާނުގައިވާ ގޮތުން، ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަނުމާ އެކު ދުރާލައި ރާވާފައިވާ ޕްލޭނެއްގެ ދަށުން އޭނާ ވަނީ ކަރުގައި ހިފައި މަރާލާފައި ކަމަށެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑު ކޮށާލުމަށް ފަހު ނައްތާލާފައި ކަމަށް ވެސް ޕްރޮސެކިއުޓަރު ވަނީ އެ ބަޔާނުގައި ވިދާޅުވެފައި އެވެ.

ނަމަވެސް ތުރުކީ އޮފިޝަލުންނާއެކު ބޭއްވުނު އެ ބައްދަލުވުމާ ބެހޭ ގޮތުން ސައުދީ ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސައުދީ ޝާހީއާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށްް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާ އާއި ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާއި ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން، 18 ސައުދީ އޮފިޝަލުން ހައްޔަރުކޮށްފައިވާއިރު، ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ނޫސްވެރިޔާ މަރާލުމުގައި ސައުދީ ޝާހީ އާއިލާގެ އެއްވެސް އަތެއް ނުވާކަމަށް ސައުދީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އޮކްޓޯބަރު 2 ގައި ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ.