ލިވަޕޫލް (ޑިސެމްބަރު 28) – ޖެނުއަރީ މަހުގެ ޓްރާންސްފާގައި ލިވަޕޫލްގެ އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން ބަލޮޓެލީ އިންޓަ މިލާނަށް ބަދަލުވާނެ އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އިންޓަގެ ކޯޗަކަށް މިހާރު ހުރި ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން ބަލޮޓެލީ ވަނީ އިންޓަ އާއި މެންޗެސްޓާ ސިޓީ އަށް މީގެ ކުރިން ކުޅެފަ އެވެ.
"ޖެނުއަރީ މަހު ބަަލޮޓެލީ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތް،" ރޮޖާސް ބުންޏެވެ. "މި ސީޒަންގައި އަދި އެބައޮތް ގިނަ މެޗުތަކެއް. އެހެންވެ މި ވަގުތު އަހަންނަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވޭނީ މިހާރު އޮތް ސްކޮޑް ހިފެހެއްޓުން."
ބަލޮޓެލީގެ ގެންނަން ޝައުގުވެރިވި ނަމަވެސް، އެކަމަށް މަސައްކަތްކުރެވޭނީ ބަލޮޓެލީ ވެސް އިންޓަ އަށް ބަދަލުވާން ބޭނުންވެގެން ކަމަށް މަންޗީނީ ވަނީ ބުނެފަ އެވެ.
އޭސީ މިލާން އިން ލިވަޕޫލަށް މި ސީޒަންގައި ބަދަލުވި ބަލޮޓެލީ އަށް މިހާތަނަށް ލިވަޕޫލްގައި މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އެހެންވެ، ގިނަ ފާޑުކިއުންތަކެއް އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. -- އީއެސްޕީޢެން