ވިޔަފާރި

ޓްރެވަލް ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކަށް އަވަސް

Nov 1, 2018

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިމަހު ބާއްވާ ޓްރެވަލް ކޮންފަރެންސުގެ މީޑިއާ ޕާޓްނަރަށް "އަވަސް" ހަމަޖައްސައިފި އެވެ.

ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއި މަޓާޓޯ ގުޅިގެން ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށް ބާއްވާ ޓްރެވަލް ކޮންފަރެންސުގެ މީޑިއާ ޕާޓްނަރުގެ އެއްބަސްވުމުގައި އަވަސްގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް މާކެޓިން އައިމިނަތު އިބްރާހިމް އެވެ. އަދި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސެކްޓެރީ ޖެނެރަލް އަސްރާ ނަސީމް އެވެ.

ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބާއްވާ ޓްރެވަލް ކޮންފަރެންސާ ބެހޭ ގޮތުން އަސްރާ ވިދާޅުވީ މި އަހަރުގެ ކޮންފަރެންސުގައި 200 މީހުން ބައިވެރިވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އަދި ކޮންފަރެންސުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންފަރެންސު ކުރިއަށް ދާނީ ސެމިނާއެއްގެ ގޮތުގައި. މައުލޫމާތު ދޭނީ ޕާޓާގެ ބޭފުޅުން،" އަސްރާ ވިދާޅުވި އެވެ.

ޕާޓާ އެކެޑަމީގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރި އަށް ގެންދާ މި އަހަރުގެ ޓްރެވަލް ކޮންފަރެންސުގައި މި އަހަރު މައުލޫމާތު ދެނީ "ގްރޯތް ހެކިން" އާ ބެހޭ ގޮތުންނެވެ. މި އަހަރުގެ ކޮންފަރެންސް އޮތީ ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.