ދުނިޔެ

ހައްޔަރުކުރާނެތޯ ނިންމުމުގެ ކުރިން ސޫދާންގެ ރައީސް ފުރުން ދެކުނު އެފްރިކާގެ ކޯޓަކުން މަނާކޮށްފި

Jun 15, 2015
1

މިހާރު ދެކުނު އެފްރިކާގައި ހުންނެވި، ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތުކުރެވޭ ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު އެ ގައުމުން ފުރާވަޑައިގަތުން މަނާކޮށް، ދެކުނު އެފްރިކާގެ ކޯޓަކުން އިއްޔެ ވަގުތީ އަމުރެއް ނެރެފި އެވެ.

ބަޝީރު ޖޮހަނަސްބާގަށް ވަޑައިގަތީ އެފްރިކަން ޔޫނިއަން (އޭޔޫ) ގެ ސަމިޓުގައި ބައިވެރިވެޑައިގަތުމަށެވެ. އެ ދަތުރުފުޅު ފެއްޓެވުމާ އެކު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން ވަނީ ބަޝީރު ހައްޔަރުކުރުމަށް ދެކުނު އެފްރިކާ އަށް ގޮވާލާފަ އެވެ.

ދެކުނު އެފްރިކާގެ ޕްރެޓޯރިއާގެ ހައި ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނި ގޮތުގައި ބަޝީރު ހައްޔަރުކޮށް އައިސީސީއާ ހަވާލުކުރުމާ މެދު އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ މަނިކުފާނަށް ދެކުނު އެފްރިކާ ދޫކޮށް ވަޑައެއް ނުގެންނެވޭނެ އެވެ. އެ މައްސަލައިގައި ގޮތެއް ނިންމަން އިއްޔެ ހަމަޖައްސާފައި އޮތުމަށް ފަހު، މިހާރު ވަނީ މިއަދަށް ފަަސްކޮށްފަ އެވެ. އެއީ އޭޔޫގެ ސަމިޓް ނިމޭނީ މިއަދު ކަމަށް ވާތީ އެވެ.

ބަޝީރު ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ދެކުނު އެފްރިކާ އަށް ގޮވާލާފައި ވިޔަސް، އެ ގައުމުގެ ސަރުކާރުން ވަނީ ބަޝީރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި އައިސީސީ އަށް ފާޑުކިޔައި، ވެރިކަންކުރާ އެފްރިކަން ނެޝެނަލް ކޮންގްރެސް (އޭއެންސީ)ން ވަނީ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ވެރިންނަށް ހިމާޔަތް ދޭނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

"އައިސީސީ އުފެއްދި މަގުސަދުތައް ހާސިލްކުރުމަށް އެ ކޯޓުގެ ބޭނުމެއް މިހާރު ނުހިފޭ،" އައިސީސީގެ ގޮވާލުމާ ގުޅިގެން އޭއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އައިސީސީ އާއި އޭޔޫއާ ދެމެދު އޮންނަ ގުޅުން ވެސް މާ ރަނގަޅެއް ނޫނެވެ. އެފްރިކާގެ ލީޑަރުންނަށް އެކަނި އަމާޒުކޮށް އައިސީސީން އަމުރުތައް ނެރެމުންދާ ކަމަށް ތުހުމަތުކޮށް، އެ ޖަމާއަތުން ވަނީ އެކަން ހުއްޓާލުމަށް އައިސީސީ އަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. އަދި ދެކުނު އެފްރިކާގެ ކޯޓުން ވަގުތީ އަމުރު ނެެރެފައި އޮއްވާ ވެސް ބަޝީރު ވަނީ އޭޔޫގެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ އިސް ވެރިންނާ އެކު ފޮޓޯ ނަަންގަވާ ހައްދަވާފަ އެވެ.

ސޫދާނުގެ ދާފޫރުގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ މައްސަލައިގައި ބަޝީރު ހައްޔަރު ކުރުމަށް އައިސީސީން ވަނީ ދެ އަމުރެއް ނެރެފަ އެވެ. އެކަމަކު އެ އަމުރުތައް ތަންފީޒުކުރެވޭނީ އައިސީސީގެ މެމްބަރު ގައުމުތަކުން އެއްބާރުލުން ދިނުމުންނެވެ.

އައިސީސީން ނެރެފައިވާ އަމުރުތަކުގެ ސަބަބުން ގައުމުން ބޭރަށް ބަޝީރު އާއްމުކޮށް ދަތުރުކުރައްވައެއް ނޫޅުއްވަ އެވެ. އެ މަނިކުފާނު ވަޑައިގަންނަވަނީ އެފްރިކާ އާއި މެދުއިރުމަތީގެ ރަހުމަތްތެރި ގައުމުތަކަށް އެކަންޏެވެ.

ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމުގެ ގޮތުގައި އޮތް ސޫދާންގެ ދަރުފޫރުގައި ވަކިވެ ގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންނާއި ސަރުކާރާ ދެމެދު ކުރިމަތިލުންތައް ފެށުނީ 2003 ވަނަ އަހަރު އެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން މިހާތަނަށް ތިން ލައްކައެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން އަންދާޒާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގައި މަރުވި މީހުންނެވެ.