ބޮލީވުޑް

"ދިލްވާލޭގެ" ޝޫޓިން ޝާހްރުކް އާއި ކާޖޮލް ފަށައިފި

Jun 15, 2015

ޑައިރެކްޓަރު ރޯހިތް ޝެޓީގެ އެންމެ އުންމީދީ ފިލްމު "ދިލްވާލޭ"ގެ ޝޫޓިން ސުޕަސްޓާ ޝާހްރުކް ޚާން އާއި ކާޖޮލް ފަށައިފި އެވެ.

މިއަހަރުގެ ފަހުކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުގައި ޝާހް އާއި ކާޖޮލް ކުޅޭ މަންޒަރުތަކުގެ ޝޫޓިން ހޮނިހިރު ދުވަހު ފަށާފައިވާއިރު، ޝާހްރުކް ވަނީ ފިލްމުގެ ސެޓްގައި ކާޖޮލްއާއި ރޯހިތް އާއިއެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި އާންމުކޮށްފަ އެވެ.

އިންޑިއާގެ ބުލްގާރިއާގައި ކުރިއަށްދާ ޝޫޓީންއަށް ދިއުމުގެ ކުރިންވެސް ޝާހްރުކްވަނީ ޓްވިޓާގައި ފިލްމުގެ ޓީމްއާއި ބައްދަލުވުމަށް ބޭނުންވާކަން ހާމަކޮށްފަ އެވެ.އަދި ރޯހިތްގެ ޓީމްއާއިއެކު މަޖާވަގުތުތަކެއް ހޭދަކުރުމަށް އަހަރެއްހާ ދުވަހުގެ ދިގު އިންތިޒާރެއް ކޮށްފައިވާ ކަމަށްވެސް ޝާހްރުކް ބުނެފައިވެ އެވެ.

ފަސްއަހަރުގެ ބްރޭކްއަކަށްފަހު ޝާހްރުކް އާއިއެކު ފިލްމު ކުޅުމުގެ ފުރުސަތު ލިބުމުން އުފަލުން ހުރި ކާޖޮލްވެސް ވަނީ ޓްވީޓާގައި ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ޝާހްރުކް އާއިއެކު ގިނަ އަހަރުތަކެއް ފަހުން އަނެއްކާވެސް ކެމެރާގެ ކުރިމައްޗަށް އެރުމުގެ ފުރުސަތުލިބިފަިއިވާ ކަމަށް ބުނެފަ އެވެ.

މީގެ ކުރިންވެސް ޝާހްރުކް ޚާން އާއެކު ކާޖޮލް "ދިލްވާލޭ ދުލްހަނިޔާ ލޭޖައެނގޭ" “މައި ނޭމް އިޒް ހާން" އަދި " ކަބީ ހުޝީ ކަބީ ގަމް" އަދި "ކަރަން އަރްޖުން" ފަދަ ފިލްމުތަކުން ފެނިގޮސްފައިވާއިރު، މިދެތަރިންނަށް ސަޕޯޓްކުރާ އެތައް މިލިއަން ފޭނުންނެއް އެބަތިއްބެވެ.

މިފިލްމުގެ ލީޑްރޯލު ކުޅެނީ ޝާހްރުކް އާއި ކާޖޮލް ނަމަވެސް، މުހިންމު ރޯލުން ފެނިގެންދާ ވަރުން ދަވަން އާއި ކީރްތީ ސަނޮން މިފިލްމުގައި ނަގަންޖެހޭ މަންޒަރުތައް ވަނީ އެޕްރީލް މަހުގެ ތެރޭގައި ގޯއާގައި ނަގައި ނިންމާފަ އެވެ.

އެކްޝަން މަންޒަރުތައް ގިނަ މިފިލްމުގައި ޝާހްރުކް-ކާޖޮލްގެ މަގްބޫލް ޖޯޑު އެކުގައި ފަސްއަހަރު ފަހުން ސިނަމާތަކާއި ހަމައަށް ގެނައުން އެއީ ބޮޑު ޒިންމާއެއްކަމަށް ޑައިރެކްޓަރު ރޯހިތް ޝެޓީ ވަނީ ފިލްމުގަ ބަތަލާއަކަށް ކާޖޮލް ހަމަޖެއްސިކަން އިއުލާންކުރަމުން ބުނެފަ އެވެ.

ރޯހިތް ޝެޓީ އާއި ޝާހްރުކްގެ އަންހެނުން ގޯރީ ޚާން ޕްރޮޑިއުސްކުރާ މިފިލްމުގައި ކާޖޮލްގެ ފިރިމީހާ އެކްޓަރު އަޖޭ ދޭވަގަންގެ ހާއްސަ ފެނިލުމެއްވެސް ހިމޭނޭ ކަމަށްވެ އެވެ. އަޖޭގެ މިފިލްމުގައި ބައިވެރިވާނަމަ މި ފިލްމު ވެގެންދާނީ ޝާހްރުކް ޚާން އާއި އަޖޭ ސްކްރީނުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.