ބޮލީވުޑް

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުކުޅެން ރަންބީރު ޝައުގުވެރިކަން ފާޅުކޮށްފި

Jun 16, 2015

މިފަހަކަށް އައިސް މަޝްހޫރު މީހުންގެ ހަޔާތުގެ މައްޗަށް ފިލްމު އުފެއްދުން ވަނީ ގިނަވެފަ އެވެ. އޭގެތެރެއިންވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންތަކުގެ ހަޔާތުގެ މައްޗަށް ފިލްމު އުފެއްދުމުގެ ޝައުގުވެރިކަން ގިނަ ޑައިރެކްޓަރުންނެއް ވަނީ ހާމަކޮށްފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިއެއްގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާނަމަ، ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ގިނަ ޑައިރެކްޓަރުންނެއްް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

“ތްރީ އިޑިއަޓްސް" އާއި "ޕީކޫ" ފަދަ ބްލޮކްބަސްޓާ ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު ރާޖް ކުމާރް ހިރާނީ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި ސަންޖޭ ދަތު ޖަލުން މިނިވަންވީ ހާ އަވަހަކަށް މަސައްކަތް ފަށާނެކަމަށް ވެސް ހިރާނީ ވަނީ ބުނެފަ އެވެ.އެގޮތުން އަންނަ އަހަރުގެ ތެރޭގައި މިފިލްމުގެ މަސައްކަތް ފަށާނެކަމަށް ހިރާނީ ވަނީ ދާދިފަހުން ބުނެފަ އެވެ.

މިހާރު ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށެވެ.އަދި ފިލްމުގައި ފެނިގެންދާނެ ތަރިން ކަނޑައަޅަން އިނގެނީ ސްކރިޕްޓްގެ މަސައްކަތް ނިމުމުން ކަމަށްވެސް ހިރާނީ ވަނީ ބުނެފަ އެވެ.

މިފިލްމުގައި ސަންޖޭގެ ރޯލުކުޅުމަށް ރަންބީރު ކަޕޫރު ހަމަޖައްސާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ހިރާނީ ވަނީ މފިލްމާއި ބެހޭގޮތުން އޭނާ މައުލޫމާތު ހިއްސާކޮށްފައިވާނީ ހަމައެކަނި ރަންބީރު އާއި ކަމަށެވެ. އެހެންނަމަވެސް އެއްވެސް ކެރެކްޓާ އެއް ކުޅުމަށް އަދި އެއްވެސް ތަރިއަކު ހަމަޖައްސާފައިނުވާ ކަމަށްވެސް ބުންޏެވެ.

ދާދިފަހުން ބޮލީވުޑްގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި ސަންޖޭގެ ރޯލު އަދާކުރުމަށް ރަންބީރު އަށް ހިރާނީ ހުށަހަޅާފައިވޭތޯ އެހުމުން ރަންބީރު ވަނީ އެފިލްމުގެ ވާހަކަތައް އޭނާއާއި ހިއްސާކޮށްފައިވާކަމަށް ބުނެފަ އެވެ.

“ބަރްފީ" އާއި "ޔޭ ޖަވާނީ ހޭ ދިވާނީ" ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ރަންބީރު އިތުރަށް ބުނެފައިވަނީ، ސަންޖޭ ދަތުގެ ހަޔާތް ފިލްމެއްގެ ސިފައިގައި ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަކީ ބުރަ މަސައްކަތެއް ކަމަށާއި، ނަމަވެސް ސަންޖޭގެ ބައޮޕިކްގައި އޭނާގެ ރޯލުކުޅެން ވަރަށް ޝައުގުވެރިވާ ކަމަށެވެ.

“ސަންޖޭގެ ހަޔާތުގައި ވަނީ ވަރަށް ގިނަ އަޑިގުޑަން ތަކެއް ކަޑަތުކޮށްފައި. އޭނާގެ ރޯލުކުޅުން އެއީ ވަރަށް ބޮޑު ޗެލެންޖެއް" މިފިލްމުގައި ސަންޖޭގެ ރޯލުކުޅެން ޝައުގުވެރިކަން ފާޅުކުރަމުން ރަންބީރު ބުނެފައިވެ އެވެ.

މީގެއިތުރުންވެސް ރަންބީރު ވަނީ ހިރާނީ އަދިވެސް ސްކްރިޕްޓް ލިޔަމުންދާތީ ސަންޖޭގެ ރޯލު ކުޅެން އޭނާ ހަމަޖައްސާފައިވާކަން ކަށަވަރުނުވާ ކަމަށެވެ.

ނަމެއް ކަނޑައަޅާފައިނުވާ މިފިލްމުގެ ވާހަކަ ލިޔަނީ ހިރާނީގެ ހުރިހާ ފިލްމުތަކަށްވެސް ވާހަކަލިޔެފައިވާ އަބިޖާތު ޖޯޝީ އެވެ.

މީގެކުރިން ހިރާނީ ވަނީ ސަންޖޭގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ނިންމީ ސަންޖޭ އޭނާގެ ހަަޔާތުގެ ބައެއް ވާހަކަތައް ހިއްސާކުރި ހިސާބުން ފެށިގެން ކަމަށް ބުނެފަ އެވެ.. އަދި ސަންޖޭ ގެ ވެސް އެއްބަސްވުމާއި އެކު ފިލްމެއްގެ ސިފައިގައި އޭނާގެ ހަޔާތުގެ ވާހަކަ ސްކްރީނަށް ގެނައުމުގެ ގޮތުން ހިރާނީ ވަނީ ސަންޖޭގެ އާއިލާ އާއި ގާތްއެކުވެރިންގެ ފަރާތުން ފިލްމަށް ބޭނުންވާ ވާހަކަތައް ހޯދާފަ އެވެ.

“މުންނާބާއީ" ސިލްސިލާ ފިލްމުތަކުގައި ވެސް ސަންޖޭ އާއިއެކު މަސައްކަތް ކޮށްފައިވާ ހިރާނީ ވަނީ ސަންޖޭ ޖަލުން މިނިވަން ވުމުން "މުންނާބާއީ 3” ގެ މަސައްކަތްވެސް ފަށާނެކަމަށް ބުނެފަ އެވެ.

މީގެ 21 އަހަރު ކުރިން، 1993 ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވުމުގެ ހާދިސާގައި އަމިއްލަ ނަފްސު ހިމާޔަތްކުރުމަށް ހުއްދަ ނޫން ހަތިޔާރެއް އަތުގައި ބެއްވުމުގެ ކުށް ސާބިތުވެ ސަންޖޭ ފަސް އަހަރަށް ޖަަލަށް ލާން ހުކުމްކޮށްފައިވަނީ 21 މާޗް 2013 ވަނަ އަހަރު އެވެ.އަދި މިމައްސަލައިގައި ސަންޖޭ ކުރިން 18 މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ މިހާރު ޖަލުގައި ހޭދަކުރަމުން އެދަނީ ހުކުމުގެ ބާކީ އޮތް ތިން އަހަރާއި ހަމަދުވަހުގެ މުއްދަތެވެ.