ދުނިޔެ

ރާޖަޕަކްސާ އާއި ދެކޮޅަށް ވޯޓު ދޭނެކަމަށް ލަންކާ ތަމަޅައިންގެ ޕާޓީން ބުނެފި

Nov 4, 2018

ކޮލޮމްބޯ (ނޮވެމްބަރު 3) - ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް، އާ ބޮޑުވަޒީރަކަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އައްޔަނުކުރުން ބަލައިނުގަންނާނެކަމަށާއި، ރާޖަޕަކްސާގެ އިތުބާރުނެތްކަމަށް ވޯޓު ދޭނެ ކަމަށް، ލަންކާގެ ތަމަޅައިގެން މައި ޕާޓީން ބުނެފި އެވެ.

ޓެމިލް ނެޝަނަލް އެލާޔަންސް (ޓީއެންއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ބޮޑުވަޒީރަކަށް ރާޖަޕަކްސާ އައްޔަނުކުރުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފުކަމެއް ކަމަށާއި، ރަނިލް އިސްވެ ރާޖަޕަކްސާ އާއި ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ އެކަމަށް އެ ޕާޓީގެ މަޖިލިސް މެމްބަރުން ވޯޓު ދޭނެކަމަށެވެ.

ލަންކާގެ 225 މެމްބަރުން ހިމެނޭ މަޖިލީހުގައި، ޓީއެންއޭގެ 15 މެމްބަރުން ތިބޭއިރު، މަޖިލީހުގެ ތެރޭގައި އޮތް ތާއީދު ސާބިތުކޮށްދިނުމަށް، ރަނިލް ކުރައްވާނެ މަސައްކަތަކަށް ޓީއެންއޭގެ ދައުރު ވަރަށް ބޮޑުވުން އެކަށީގެންވެ އެވެ.

ނަމަވެސް، ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޓީއެންއޭގެ ތާއީދު ނެތް ނަމަވެސް، ރާޖަޕަކްސާ އާއި ދެކޮޅަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ފާސްކުރުމަށް ރަނިލް އަށް ފަސޭހަފުޅެއް ނުވާނެ އެވެ. ސަބަބަކީ، ރަނިލްގެ ފަހަތުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މިހާރުވެސް ހަ މެމްބަރުންގެ ތާއީދު ރާޖަޕަކްސާ ހޯއްދަވާފައިވާއިރު، އިތުރު މެމްބަރުން ކޮޅު ބަދަލުކުރުމުގެ ފުރުސަތު ބޮޑުކަމުންނެވެ. ބޮޑު ވަޒީރުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ފާސްކުރަން 113 މެމްބަރުންގެ ތާއީދު ބޭނުންވެ އެވެ.

އޮކްޓޯބަރު 26 ވަނަ ދުވަހު ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމަވައި، އެމާގަމަށް ރާޖަޕަކްސާ ވަނީ އައްޔަނު ކުރައްވައިފަ އެވެ. މީގެ އިތުރުން، މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ލަންކާގެ ޕާލިމަންޓު ސިރިސޭނާ ވަނީ ސަސްޕެންޑު ކުރައްވައިފަ އެވެ.

ސިރިސޭނާގެ އެ ނިންމެވުމަކީ ދުސްތޫރީ ބަޣާވާތެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި އެ ނިންމެވުމާ ދެކޮޅަށް ރަނިލްގެ އެތަކެއް ހާސް ބަޔަކު ވަނީ މަގު މައްޗަށް ނުކުމެފައި އެވެ.

ރައީސް ސިރިސޭނަ ވިދާޅުވަމުން ގެންދަވަނީ، ރަނިލް ވަކިކުރައްވަން މަޖުބޫރުވީ، އިގުތިސޯދީ ގޮތުން އެޅުއްވި ދޯހަޅި ފިޔަވަޅުތަަކުގެ އިތުރުން، އޭނާ އަވާހަރަކޮށްލުމަށް ރޭވި ރޭވުމުގައި ރަނިލްގެ މިނިސްޓަރެއްގެ އަތެއް ވާތީ ކަމަށެވެ.