ދުނިޔެ

"ޚާޝުގްޖީގެ ހަށިގަނޑު ނެރުނީ ސޫޓުކޭސްތަކެއްގައި"

އިސްޓަންބުލް (ނޮވެމްބަރު 4) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ކަރުގައި ހިފައިގެން މަރާލުމަށްފަހު، ހަށިގަނޑު ކޮށާލައި، ކޮންސިއުލޭޓު ތެރެއިން ނެރުނީ ސޫޓުކޭސްތަކަކަށް ލައިގެން ކަމަށް، ތުރުކީގެ ނޫހަކުން ތުހުމަތުކޮށްފި އެވެ.

ތުރުކީ ސަރުކާރަށް ވާގިދޭ "ސަބާހް" ނޫހުން، ނަން ހާމަނުކުރާ އޮފިޝަލުންތަކަކާއި ހަވާލާދީ ބުނީ، ޚާޝުގްޖީގެ ކޮށަލާފައިވާ ހަށިގަނޑު، ފަސް ސޫޓު ކޭހަކަށް ބަހަލައިގެން، ކޮންސިއުލޭޓުން ނެރެގެން، ސަފީރު ދިރިއުޅުއްވައި ގެއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެކަން ކުރުމުގައި އިސްކޮށް ބައިވެރިވެފައިވަނީ، ސައުދީ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ތިން ބޭފުޅުންކަމަށް އެ ނޫހުގައި ވަނީ ބުނެފައި އެވެ.

މި ތުހުމަތުތައް ފެންމަތިވެފައިވަނީ، ޚާޝުގްޖީ މަރާލީ ސައުދީ ސަރުކާރުގެ އިސް ވެރިންގެ އެންގެވުމަށްކަމަށް، ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނު ވިދާޅުވެފައިވަނިކޮށެވެ.

"މިހާރު އަހަރެމެންނަށް އެނގޭ، ނޫސްވެރިޔާ ޚާޝުގްޖީ މަރާލުމަށް އޯޑަރުކުރީ ސައުދީ ސަރުކާރުގެ އެންމެ އިސް އޮފިޝަލުންތަކެއް ކަން،" ވޮޝިންގްޓަން ޕޯސްޓުގައި ލިޔުއްވި އާޓިކަލެއްގައި އުރުދުގާނު ތުހުމަތު ކުރެއްވި އެވެ.

ނަމަވެސް، ނޫސްވެރިޔާ މަރާލުމުގައި ސައުދީ ރަސްގެފާނު ސަލްމާންގެ ބައިވެރިވުމެއްނެތްކަމަށް ވެސް އުރުދުގާނު ވިދާޅުވެފައިވެ އެވެ.

ތުރުކީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޮކްޓޯބަރު 2 ވަނަ ދުވަހު ޚާޝުގްޖީ ވަނުމާ އެކު ކަރުގައި ހިފައިގެން އޭނާ މަރާލާފައިވާ ކަމަށެވެ.

ސައުދީ ޝާހީއާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށްް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާ އާއި ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާއި ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން، 18 ސައުދީ އޮފިޝަލުން ހައްޔަރުކޮށްފައިވާއިރު، މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

ވޮޝިންގްޓަން ޕޯސްޓުގައި ލިޔުއްވި އާޓިކަލްގައި، އުރުދުގާނު އިތުރަށް ވިދާޅުވީ، ޚަޝޫގްޖީ މަރާލުމުގައި ބައިވެރިވި މީހުންގެ ތެރޭގައި މިހާރު ހައްޔަރުކުރެވިފައިވާ 18 މީހުން ހިމެނޭކަމަށެވެ.

"އަހަރެމެންނަށް އިތުރަށް އެނގޭ ކަމަކީ، އެ 18 މީހުން އައީ ބައެއްގެ އޯޑަރަށް ކަން، އެއީ ޚަޝޫގްޖީ މަރާލުމަށްފަހު އެނބުރި ދިޔުމަށް، އެންމެ ފަހު ކަމަކަށް އަހަރެމެންނަށް އެނގޭ ކަމަކީ ޚަޝޫގްޖީ މަރާލަން އޯޑަރު ކުރީ ސައުދީ ސަރުކާރުގެ އެންމެ މަތިން ކަން،" ޚަޝޫގްޖީ ވެސް ކޮލަމް ލިޔުނު ވޮޝިންގްޓަން ޕޯސްޓުގައި އުރުދުގާނު ތުހުމަތު ކުރެއްވި އެވެ.

އަދި އެ ގަތުލުގައި ބައިވެރިވި އިސް މީހުން ހާމަކުރުމަށް ވެސް އުރުދުގާނު ގޮވާލައްވާފައިވެ އެވެ.

އޮކްޓޯބަރު 2 ގައި ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ.