ދުނިޔެ

އެމެރިކާގެ ހަރުކަށި ފިޔަވަޅުތަކާއި ދެކޮޅަށް އިރާނުގައި ބޮޑެތި މުޒާހަރާތަކެއް

Nov 5, 2018

ޓެހެރާން (ނޮވެމްބަރު 5) - އެމެރިކާއިން އިރާނާއި ދެކޮޅަށް މިހާތަނަށް އަޅާ އެންމެ ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން، އެތަކެއް ހާސް ބަޔަކު އެމެރިކާ އާއި ދެކޮޅަށް މުޒާހަރާއަށް ނުކުމެއްޖެ އެވެ.

2015 ވަނަ އަހަރު ވިއޭނާގައި އެމެރިކާ ހިމެނޭ ގޮތަށް އިރާނާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ނިއުކުލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ވުރެ ނިއުކުލިއާ ހަކަތައިގެ މަސައްކަތްތައް މަދުކުރުމަށް އިރާނުން ވަނީ އެއްބަސްވެފަ އެވެ.

އޭގެ ބަދަލުގައި، ދުނިޔޭގެ ބާޒާރަށް އިރާނުން ތެލާއި ގޭސް ނުވިއްކޭގޮތަށް އދ. އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިއުމުގެ އިތުރުން، އެކި ގައުމުތަކުގައި ހުރި އިރާނުގެ 100 ބިލިއަން ޑޮލަރުގެ ހަރުމުދާތައް ދޫކޮށްލުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގައި، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، ރަޝިއާ، ޗައިނާ އަދި އީޔޫގެ އިތުރުން އެމެރިކާ އިން ވެސް ވަނީ ސޮއިކޮށްފަ އެވެ.

އޭގެ އިތުރުން، އެމެރިކާ އިން އިރާނާއި ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވެސް ނެގުމަށް އޭރުގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ނަމަވެސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2015 ވަނަ އަހަރުގެ ކުރިން އިރާނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ހޯމަ ދުވަހުން ފެށިގެން އިޔާދަކުރަން ނިންމަވައިފަ އެވެ.

އެމެރިކާއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އިރާނުން ބޭރު ކުރާ މުދަލާއި، ޝިޕިންގް އަދި މާލީ މުއާމަލާތްތަކަށް ވެސް ވަނީ ދަތިކުރަން ނިންމާފައި އެވެ. އަދި އިރާނާއި އެކު ވިޔަފާރި ކުރާ އެހެން ގައުމުތަކަށް ވެސް އެ ފަދަ ފިޔަވަޅުތައް އަޅަން ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމާފައި އެވެ.

އެ ނިންމުމާއި ގުޅިގެން، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރުމަށް ގޮވާލައި، އެތަކެއް ހާސް ބަޔަކު މުޒާހަރާކޮށްފައި އެވެ.

އެމެރިކާގެ މިޑް ޓާމް އިލެކްޝަނާއި ދިމާކޮށް ކެމްޕެއިން ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވުމުގެ ކުރިން، ޓްރަމްޕް މީޑިއާއަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުގެ އަސަރު އިރާނަށް މިހާރުވެސް ކުރަން ފަށާފައިވާ ކަމަށެވެ.

"އިރާނާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރަށް ހަރުކަށިވާނެ، އެއީ މިހާތަނަށް [ގައުމަކާއި ދެކޮޅަށް] އަޅާ އެންމެ ހަރުކަށި ފިޔަވަޅުތައް، އެކަމުގެ ނަތީޖާ ބަލަން ތިބޭނީ، އެކަމަކު އިރާނަށް މިހާރުވެސް އޭގެ [ނޭދެވޭ] އަސަރު ކުރަން ވަނީ ފަށާފައި،" ޓްރަމްޕް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ، އެމެރިކާ އިން އިރާނާއި ދެކޮޅަށް މިދިޔަ އޯގަސްޓް މަހުން ފެށިގެން އަމަލު ކުރަންފެށި ފިޔަވަޅުތަކުގެ ތެރޭގައި، އިރާނުން އެމެރިކާ ޑޮލަރު ގަތުން ހުއްޓުވުމާއި، ވެހިކަލް އުފެއްދުމާއި، ރަނާއި، އެލުމިނީއަމާއި، ދަގަނޑު ފަދަ ތަކެތީގެ ވިޔަފާރި ހުއްޓުވުން ހިމެނެ އެވެ.

އެއަށްފަހު، މިއަދުން ފެށިގެން، އިރާނު ބޭރުކުރާ ތެލާއި، ގޭހުގެ އިތުރުން އެގައުމާއި އެކު އެއްވެސް ފައިސާގެ މުއާމަލާތްތަކެއް ހުއްޓާލުމުގެ ފިޔަވަޅުތައް އެޅިގެންދާނެ އެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ބޭނުމަކީ، 2015 ވަނަ އަހަރުގެ އެއްބަސްވުމަށްވުރެ މާ ފުޅާކޮށް، ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތްތައް ހުއްޓުވުމުގެ އިތުރުން، ޓެރަރިޒަމް އަށް ހިތްވަރުދޭ ގޮތަށް އިރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މަޖުބޫރު ކުރުވުން ކަމުގައި ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.