ކުޅިވަރު

ސިޓީ އާއި ޗެލްސީ ތާވަލުގެ އެންމެ ކުރިއަށް!

ސައުތު ހެމްޓަންގެ މައްޗަށް 6-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނަ މަގާމަށް އަލުން މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.

ހަމައެޔާއެކު ވާދަވެރި ޗެލްސީވެސް ވަނީ، ކްރިސްޓަލް ޕެލަސްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ތާވަލުގެ ދެ ވަނަ މަގާމު އަތުލާފަ އެވެ. ޗެލްސީ އާއި ލިވަޕޫލަށްވެސް ލިބިފައި ވަނީ 27 ޕޮއިންޓެވެ. ޗެލްސީއަށް ދެ ވަނަ މަގާމު ލިބެނީ، ލިވަޕޫލުގެ މައްޗަށް ފައިދާ ތިން ގޯލް އޮތުމުންނެވެ. ސިޓީ އެއްވަނައިގައި އޮތީ ޗެލްސީ އާއި ލިވަޕޫލްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް އޮތުމުންނެވެ. ސިޓީއަށް ލިބިފައި ވަނީ 29 ޕޮއިންޓެވެ.

ސައުތު ހެމްޓަންއާ ދެކޮޅަށް، ސިޓީގެ ތަރިއަކަށްވީ، ރަހީމް ސްޓާލިން އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހާފަ އެވެ. ސިޓީގެ ފުރަތަމަ ލަނޑަކީ، ސައުތު ހެމްޓަންގެ ވެސްލީ ހޯޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެއީ މެޗުގެ ހަ ވަނަ މިނެޓްގަ އެވެ. ސިޓީން ވަނީ މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭ ތިން ލަނޑު ޖަހާފަ އެވެ. ދެ ވަނަ ލަނޑު 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސާޖިއޯ ކުން އަގުއޭރޯ އެވެ. ތިން ވަނަ ލަނޑު 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑޭވިޑް ސިލްވާ އެވެ.

ސައުތު ހެމްޓަންގެ ހަމައެކަނި ލަނޑު 30 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޑެނީ އިންގްސް އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ސްޓާލިން ވަނީ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރި 67 ވަނަ މިނެޓްގަ އެވެ. ސިޓީގެ ހަ ވަނަ ލަނޑު ކާމިޔާބު ކުރީ ލީރޮއީ ސަނޭ އެވެ. އެއީ މެޗުގެ 91 ވަނަ މިނެޓްގަ އެވެ.

ޕެލަސްއާ ދެކޮޅަށް ޗެލްސީގެ ތަރިއަކަށްވީ، އަލްވާރޯ މޮރާޓާ އެވެ. އޭނާ ވަނީ ދެ ލަނޑު ޖާހަފަ އެވެ. ޗެލްސީގެ އަނެއް ލަނޑު ކާމިޔާބު ކުރީ، ޕެޑްރޯ ރޮޑްރިގޭޒް އެވެ. ޕެލަސްގެ ލަނޑު ކާމިޔާބު ކުރީ އެންޑްރޯސް ޓައުންސެންޑް އެވެ.