އިލެކްޝަން ކޮމިޝަން، އީސީގެ ރައީސް އަހުމަދު ޝަރީފާއި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ފުލުހަށް ހާޒިރުކޮށްފަ އެވެ. އެ ދެ ބޭފުޅުން މިއަދު ފުލުހުންގެ މައި އިދާރާއަށް ވަދެވަޑައިގެންނެވީ ވަކީލުންނާއެކު އެވެ. އަދިވެސް ތިއްބެވީ އެ އިދާރާގަ އެވެ.
ދެ ބޭފުޅުން ފުލުހަށް ހާޒިރުކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ އަދި އިލެކްޝަން ކޮމިޝަންގެ ބަހެއް ވެސް ނުލިބެ އެވެ.
އިންތިހާބު އޮޅުވާލަން އިލެކްޝަން ކޮމިޝަނުން އަމަލުތަކެއް ހިނގާފައިވާ ކަމަށް ޕީޕީއެމްއިިން ތުހުމަތުކުރެ އެވެ. އެގޮތުން އަނގޮޓިއަކާއި ކެމިކަލްހުރި ވޯޓު ކަރުދާސް ބޭނުންކުރި ކަމުގެ ތުހުމަތު ކުރެ އެވެ. އެ މައްސަލަތަކާއެކު ސުޕްރީމް ކޯޓަށް އިންތިހާބު ބާތިލްކުރަން ވެސް ޕީޕީއެމްއިން ހުށަހެޅި އެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ މުޅި އިންތިހާބު ބާތިލްކުރަން ޖެހޭ ކަމެއް ނެތް ކަމަށެވެ. އެކަމަކު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނަމަ އެކަމަށް ހުރަހެއް ނެތް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ ޕީޕީއެމްއިން ވަނީ އެ ތުހުމަތުތައް ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.