ހިޔާ މަޝްރޫއު

ފްލެޓުތައް ބަހާލި ގޮތް ބަލައި ތަހުގީގުކުރާނެ: މާރިޔާ

ހައުސިން މިނިސްޓްރީ އިން ރޭ އިއުލާން ކުރި ފްލެޓު ލިބުނު މީހުންގެ ލިސްޓުތަކުގެ މައްސަލަ އާ ސަރުކާރުން ބަލާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުން އަންނަ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުތައް ހައުސިން މިނިސްޓްރީ އިން ރޭ ވަނީ ގެޒެޓުކޮށްފަ އެވެ. އަދި ލިސްޓުގައިވާ ގޮތުން ގިނަ އަދަދެއްގެ މީހުންނަށް ވަނީ ފްލެޓު ލިބިފަ އެވެ.

އިންތިހާބީ ރައީސްގެ ތަރުޖަމާނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ސަރުކާރު ބަދަލުވުމަށް 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް އަމަލީ މަސައްކަތް ނުނިމި ހުރި ފްލެޓުތަކެއް ގިނަ ބަޔަކަށް ބަހާލުމަށް ފަހު އެ ލިސްޓާ ނުކުޅެއް ހައުސިން މިނިސްޓްރީ އިން މިއަދު ބުނި ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް ވެސް ސިއްރު ލިސްޓެއްގެ ތެރެއިން ވެސް ފްލެޓުތަކެއް ބަހާލީ މި ސަރުކާރުން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ ފްލެޓުތައް އެހެރީ ނިމިފައެއް ނޫން ކަން، ހަމަ ނުނިމި ހުރި ފްލެޓުތަކެއް ރައްޔިތުންނަށް ބޭނުމެއް ޖެހިފަ ހުއްޓޭ ކިޔާފަ ކުއްލިއަކަށް އާ ސަރުކާރު ހުވާ ކުރަން 10 ދުވަހަށްވެފައި އޮއްވާ ބަހާލާފައި ނުކުޅެއްޗޭ ވިދާޅުވެ އެ ސަކަރާތަކީ އޮޅިފައި އޮންނަނާނެ ކަމެއް ނޫން، ހަމަ ކުރީގެ ސިއްރު ލިސްޓެކޭ އެއްގޮތަށް ރައްޔިތުން ޝައްކު ކުރޭ ވަކި ލިސްޓަކަށް ވަކި ގޮތަކަށް ހަމަޖައްސަވައިގެން ކަންކަން ކުރައްވަނީކަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ފްލެޓު ދޫކުރުމުގައި އިންސާފުން ބޭރުން އެއްވެސް އަމަލެއް ހިންގާފައިވާ ނަމަ އާ ސަރުކާރުން އެކަން ބަލާނެ ކަމަށް އިބޫ ވިދާޅުވެފައިވާ ކަމަށެވެ. އަދި އާ ސަރުކާރުން އެކަމަށް ސަމާލުވެ ތިބޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ފްލެޓުތަކުގެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދެވިޔަސް މިއީ އަލުން ބެލޭނެ ކަންކަން، އިންސާފުން ބޭރުން އެއްވެސް ފްލެޓެއް ދިނަސް އެ މައްސަލަތައް ވެސް ބެލޭނެ،" މާރިޔާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓުތައް ދީފައި ހުންނާނީ އިހުލާސްތެރިކަމާއެކުގައި ކަމަށާއި އިންސާފުން ބޭރުން އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އެހެންކަމުން އާ ސަރުކާރުން ވެސް އެ ލިސްޓުތަކުގައި ހުރި ފަރާތްތަކަށް ފްލެޓު ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.