މޯލްޑިވްސް ޕޮލިސް ސާވިސް

އަފްރާޝީމް، ރިލްވާން އަދި ޔާމީން ރަޝީދުގެ މައްސަލަ އަލުން ތަހުގީގު ކުރަނީ

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި ބްލޮގާ ޔާމީން ރަޝީދުގެ މައްސަލަ ފުލުހުން އަލުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދު މަރާލި މައްސަލަ އާއި ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލަ އަލުން ރިވިއުކޮށް ފުލުހުންނަށް އެ މައްސަލަތަކުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާ މަރާލި ކަމަށް ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް އަދި ފަހުން ދޫކޮށްލި އެވެ. އެ މައްސަލައާ ގުޅިގެން ހުސައިން ހުމާމްގެ މައްޗައް ދައުވާކޮށް ވަނީ އޭނާއަށް މަރުގެ ހުކުމް ތަންފީޒު ކުރަން ސުޕްރީމް ކޯޓުން ނިންފާފަ އެވެ. ނަމަވެސް އެކަމުގައި ޝާމިލްވީ އިތުރު މީހެއްގެ އެއްވެސް ތަފްސީލެއް ނޭނގެ އެވެ. އަދި އެތައް އަހަރުވީ އިރު އަފްރާޝީމް މަރާލިކަމުގެ މަގުސަދާއި އެކަމަށް ހޭދަކުރި މީހުންނަކީ ކޮބައިކަން ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިގެން ހޯދާތާ ވެސް ހަތަރު އަހަރުވީ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ތަހުގީގުތަކެއް ނުނިންމެ އެވެ. ރިލްވާން ވީގޮތެއް އޭނާ ގެއްލުވާލުމުގެ މަގުސަދެއް ވެސް ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ރިލްވާން ރަހީނުކުރި ކަމުގެ ދައުވާ ހ. ހިލްޓަން، އަޒްލީފް ރައޫފް އާއި ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރުއްދީންގެ މައްޗަށް އުފުލި އެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އެމީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސް ޔާމީން ރަޝީދު މަރާލީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އަނިޔާވެރި ގޮތަކަށް 24 ތަނަށް ވަޅި ޖަހާ އޭނާ މަރާލީ އިރު އޭނާގެ އުމުރުން ވަނީ އެންމެ 29 އަހަރެވެ.

އެ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާ އުފުލައި މިހާރު ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަމުންދެ އެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.