ހަބަރު

އައްޑޫ ސިޓީއަށް ގޮނޑިއެއް އިތުރު ނުކުރަން ނިންމައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް މާލެއަށް ދެ ގޮނޑި އިތުރުކުން ނޫން އެހެން ބަދަލެއް ރާއްޖޭގެ އެއްވެސް އިންތިހާބީ ދާއިރާއަކަށް ނުގެންނާނެ ކަމަށް އިލެކްޝަން ކޮމިޝަން، އީސީ އިން މިއަދު ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު "އަވަސް" އަށް ވިދާޅުވީ، ކުރިއަސް އޮތް މަޖިލިސް އިންތިހާބަށް، މާލެއަށް ދެ ގޮނޑި އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. ދެ ގޮނޑި އިތުރުކުރަނީ، ހެންވޭރު ހުޅަނގު (ހުޅުމާލެ ދާއިރާ)ގެ ގޮތުގައި އެއް ގޮނޑި އަދި މައްޗަންގޮޅި މެދު ދާއިރާގެ ނަމުގައި ދާއިރާއެއް ކަނޑައަޅައި އެ ދާއިރާއަށް އެއް ގޮނޑި އެވެ.

މި ދެ ދާއިރާއަށް ބަދަލުގެންނަން ނިންމީ އާބާދީއަށް އައިސްފައިވާ ބަދަލަށް ބެލުމަށްފަހު ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ދެ ދާއިރާއަށް ގެންނަ ބަދަލު ފިޔަވާ ރާއްޖޭގެ އެއްވެސް އިންތިހާބީ ދާއިރާއަކަށް ބަދަލު ނުގެންނާނެ ކަމަށެވެ.

އީސީ އިން މިހެން ބުނެފައިވާއިރު އައްޑޫ ސިޓީއަށް ގޮނޑި އިތުރުކުރުމަށް އެ ސިޓީއަށް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުން ދަނީ އެދެމުންނެވެ. އެގޮތުން މަރަދޫ ފޭދޫއަކީ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަން ކޮމިޝަންގައި އެ އަވަށުގެ ބައެއް މީހުން އެދިފައިވެ އެވެ.

އައްޑޫ ސިޓީގައި މިހާރު އޮންނަނީ ހަތް ދާއިރާއެކެވެ. އެއީ ހިތަދޫއަށް ތިން ދާއިރާ އާއި މީދޫ ދާއިރާ އާއި ހުޅުދޫ ދާއިރާ އާއި މަރަދޫ ދާއިރާ އަދި ފޭދޫ ދާއިރާ އެވެ. މަރަދޫ އާއި ފޭދޫ ދެމެދު އޮންނަ މަރަދޫފޭދޫއަކީ އައްޑޫ ސިޓީގެ ވަކި އަވަށެކެވެ.