ރިޕޯޓް

މާލޭގައި ޓެކްސީއަށް ބަރޯސާވުމުން ގަޑިޖެހި، ރުޅިގަދަވުން ނޫން ކަމެއް ނެތް!

Jun 15, 2015

ވެރިރަށް މާލޭގައި ޓެކްސީގެ ހިދުމަތް ހޯދުން އެހާ ދަތިކަމަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ އެތައް ހާސް މީހުން މާލޭގައި އުޅޭ އިރު އަދި ގިނަ އަދެއްގެ ޓެކްސީތައް ރަޖިސްޓްރީކޮށްފައިވާއިރު މާލެތެރޭގައި ދުއްވަނީ ފަންސާހަކަށް ޓެކްސީއެވެ.

ޓެކްސީ ކުރުން އެއީ ފައިސާ ހޯދަން އެމީހުންކުރާ މަސައްކަތެއް ކަމަށް ގަބޫލު ކުރެވުނަސް ހިދުމަތް ފޯރުކޮށް ނުދެވޭނަމަ އެ ހިދުމަތަށް ޓެކްސީ ރަޖިސްޓްރީ ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

އަދިވެސް ވަރަށް ގިނަ އަންހެނުންނަށް ކާރާއި ސައިކަލު ދުއްވާކަށް ނޭނގެ އެވެ. އެނގުނަސް އަމިއްލަ ކާރެއް ނޫނީ ސައިކަލެއް ނުހުރެ އެވެ. އާދަވެ ޓެކްސީގެ ހިދުމަތް އެންމެ ގިނައިން ހޯދަނީ އަންހެނުންނެވެ. އެހެންވެ ގިނަ ފަހަރަށް ޓެކްސީ ނުލިބުމުގެ އުނދަގުލާ ކުރިމަތިލާން ޖެހެނީ އަންހެންވެރިންނަށެވެ.

މާލޭގެ ޓެކްސީގެ ކަންކަން އޮންނަ ގޮތުން ގިނަ ފަހަރަށް ޖެހެނީ އެހެން މީހުންނަށް ގުޅައިގެން "ރައިޑް" ހޯދާށެވެ. އަބަދުވެސް ވާވަރަކީ އެއީ އެވެ. ދުވަހަކުވެސް ފެހި ބޯޑަކާ ދިމައެއް ނުވެ އެވެ.

ޓެކްސީއެއް ހޯދަން ގުޅަނީ އިތުރު ގޮތެއް ނެތިގެނެވެ. އެކަންވެސް ވެފައި އޮންނަނީ އެންމެ އުނދަގޫ އެއް ކަމަށެވެ. ހަގީގީ އުނދަގޫ ފެށެނީ ދެނެވެ. މަގުމަތީގައި ދެއަތް މައްޗަށް ނަގައިގެން ބައެއް މީހުން ގަޑިއެއްހާ އިރު ތިބެންޖެހޭ ދުވަސް ދުވަސް ވެސް އާދެއެވެ. ފޯނުން ގުޅޭތޯ ހުރިހާ ސެންޓަރު ތަކެއްގެ ނަމްބަރުތަކެއް އެތަކެއް ފަހަރު ޓްރައި ކުރެވެ އެވެ. އެހުރިހާ ވަގުތެއް ހޭދަވެގެން އެރޭ ޓެކްސީގައި ދާން ބޏުންވާ ތަނަކަް ދެވޭއިރު ހުންނަނީ ފޯނުގެ ކްރެޑިޓްވެސް ހުސްވެ، ގަޑި ވެސް ޖެހި، މޫޑުވެސް ހަރާބުވެފައެވެ.

ޓެކްސީ ހޯދަން މަގުމަތީގައި މަޑުކޮށްގެން ހުންނަ ވަގުތުތަކުގައި ދެތިން ޓެކްސީއެއް ފެހި ބޯޑު ޖައްސައިގެން ދާނެ އެވެ. އެހެން ނަމަވެސް އެ ޓެކްސީތަކުގައި ވެސް ޖާގައެއްވެސް ނުހުންނާއެވެ. ބައެއް މީހުން މަޑުކޮށްލާފައި އެހެން ފަރާތަކުން ގުޅައިގެން ދަނީ ކަމަށް ބުނެ އެވެ. ދެން ފެންނާނީ ކުއްލިއަކަށް ރަތް ބޮތްކަށް ބަދަލުކޮށްލާ ތަނެވެ.

މީހުން ރުޅިގަދަވަނީ ކާރު މަޑުކޮށްލާފައި ދަނީ ކޮން ދިމާލަކަށްތޯ އަހާ، އެކާރު ދާ ދިމާ ނޫން އެހެން ދިމާއަކަށް ދާން ބުނުމުން ނުދެވޭނެއޭ ބުނުމުންނެވެ. ބައެއް ފަހަރު ޓެކްސީ ތަކަށް އެރުމުން އެފަދަ ކަންތައްތައް ވަނީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު ކުރެ އެވެ. ނަމަވެސް  ލިބޭ ޖަވާބަކީ މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ދާންޖެހޭތީ ޕެޓްރޯލު ހުސްވާތީ ކަމަށެވެ.

ކުރީގައި 20ރ. ރުފިޔާއިން ދަތުރެއް ކުރެވޭ ޓެކްސީއަށް މިހާރު 25ރ، ދައްކައިގެން ދާން ބޭނުން ވަނީ ކޮންމެހެން ދާޏް ޖެހިގެނެވެ. ފައިސާ ގިނަވެގެނެއް ނޫނެވެ. ޕެޓްރޯލް ލީޓަރެއް އެޅުން އެހާ ދަތި ކަމަކަށް ހަމަ ވެދާނެހެއްޔެވެ؟ ހީއެއް ނުވެއެވެ

މީހުންނަށޤ އެންމެ ދަތިވަނީ ވިއްސާރަވީމަ އެވެ. ވާރޭ ވެހޭ ދުވަހެއްގައި ނަމަ ވަރަށް ގިނަ މީހުން ޓެކްސީ ބޭނުން ވެއެވެ އެކަމަކު ގަޑިއެއްހާ އިރުވަންދެން ހުއްޓާނުލާ އެއް ނަމްބަރަކަށް ގުޅަން ހުންނަ މީހަކަށް އަބަދު ލައިނު ބިޒީވެގެންް ނުވާނެނޫން ހެއްޔެވެ؟ ވާރޭތިއްކެއް ޖަހާލާއިރަށް މަގުމަތިން ޓެކްސީތަކެއް ގެއްލެނީ ކީއްވެ ހެއްޔެވެ؟

މި ސުވާލު އަމާޒު ކުރެވޭ ޑްރައިވަރުން ބުނާ ގޮތުގައިނަމަ ވިއްސާރާގައި ގިނަ ސެންޓަރުތަކުން އެތަނެއްގައި ފަސް ފޯނު ހުރެއްޖެ ނަަމަ ތިން ލައިނުގެ އަތްގަނޑު ނަގާ ބާއްވަނީ އެވެ. ކިތަންމެ ވަރަކަށް އެ ނަމްބަރަށް ގުޅިޔަސް ނުގުޅޭނެ ގޮތް ހެދުމަށެވެ.

މުޅިން އެއީ ސެންޓަރުގެ މައްސަލައެއް ވެސް ނޫނެވެ. ޓެކްސީ ކުރަން ތިބޭ މީހުންގެ ހަބަރެއް ނުވެ، ގުޅާ މީހުންގެ އަދަދު އިތުރު ވުމުން އެމީހުންނަށްވެސް ބިޒީ ކުރަން މަޖުބޫރު ވަނީއެވެ. ޖަވާބު ނުދެނީ ކީއްވެގެންތޯ ކުރާ ސުވާލަށް ވެސް  އޮތީ ވަރަށް އާދައިގެ ޖަވާބެކެވެ. "ހަމަ ކަންނެތީ" އެވެ، އެކަމަކު ގިނަ މީހުން ނުދުއްވަނީ ވާރޭގައި ދުއްވުމުން ކާރު ހަލާކުވެ، ބެލްޓު އާކުރަން 2000 އެއްހާ ރުފިޔާ ދާތީއެވެ.

ކޮންމެ ގޮތެއް ވިޔަސް ތަނަކަށް ގަޑިއަކަށް ދާން ބޭނުންނަމަ ކުރީބައިގައި އެކަމެއް ހަމަޖައްސަން އެބަޖެހެއެވެ. އަތުގައި އަޅާގަޑި އެހެން ނޫނީ ފޯނުގެ އެލާމް ޖެހެނީ ފަނަރަ ވަރަކަށް މިނެޓް އަވަސް ކޮށްލާށެވެ. އެހެންނޫނީ ގުޅަން ޖެހޭ މީހަކަށް ދިޔުމުގެ އެއްގަޑިއިރު ކުރިން ގުޅާލާފައި ތައްޔާރުވާށެވެ. މާލޭގެ ޓެކްސީ ހިދުމަތަށް ބަރޯސާ ކޮށްގެން ތިބެން ޖެހޭނަމަ ގަޑިޖެހި ރުޅިގަދަވުން ނޫން ކަމެއް ނޯންނާނެއެވެ.