ހަބަރު

އިލެކްޓްރޯނިކް ވޯޓިން ރާއްޖެއަށް ބޭނުމެއް ނުވޭ: އީސީ

އިންތިހާބުތަކުގައި ވޯޓުލުމަށް އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް ރާއްޖެއަށް ބޭނުމެއް ނުވާ ކަމަށާއި އެ ނިޒާމް ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބޭނުމެއް ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިދިޔަ އަހަރު ވަނީ ރިޔާސީ އިންތިހާބުގައި ވެސް އިލެކްޓްރޯނިކް ވޯޓިން ބޭނުން ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. ނަމަވެސް އޭރު އެކަމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާތީ އެ ކޮމިޝަނުން ބުނެފައި ވަނީ 2019 ވަނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ބޭނުން ކުރާނެ ކަމަށެވެ.

ނަމަވެސް އެ ކޮމިޝާނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހަކަދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޮމިޝަނުން ވިސްނައިގެން ތިބީ މަޖިލީސް އިންތިހާބަކަށް އިލެކްޓްރޯނިކް ވޯޓިންއަކަށް ދިޔުމަށް ކަމަށާއި ނަމަވެސް އެއީ މިހާރުގެ އެހާ ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އެއީ އިންތިހާބުގެ މުޅި މަރުހަލާ އެއްކޮށް އިލެކްޓްރޯނިކް ކުރުމުގެ ބޭނުމެއް ރާއްޖެ ކަހަލަ ކުޑަ އާބާދީއަކަށް އޮތް ކަމަކަށް ނުފެންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕްލޭން ކުރި ގޮތާ ހިލާފަށް، ވިސްނަމުން އައި ގޮތާ ހިލަފަށް ކަންތައްވީ، އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ވިސްނިފައެއް ނެތް މި އިންތިހާބަށް ފަހު ބޮޑު ކޯޓު މަރުހަލާއަކަށް ގޮސްގެން އެކަހަލަ ކަންތައްތަކެއް ދިމާވެދާނެ ކަމަކަށް،" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބުގެ މަރުހަލާގެ ތެރެއިން އިލެކްޓްރޯނިކް ކުރެވިދާނެ އެއް ކަމަކީ ރީ ރަޖިސްޓްރޭޝަން ކަމަށް ޝަރީފް ވިދާޅުވި އެވެ. އެ މަރުހަލާ އިލެކްޓްރޯނިކްކޮށްފި ނަމަ މިހާރު އާންމުކޮށް އެ މަރުހަލާގައި ދިމާވާ މައްސަލަތައް ނުޖެހޭނެ ކަމަށާއި ޝަކުވާތައް ލިބޭ މިންވަރު ވެސް މަދު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް އިލެކްޓްރޯނިކް ރީ ރަޖިސްޓްރޭޝަނަށް ބޭނުންވާ ހުރިހާ ވަސީލަތެއް އަދި ނުލިބޭ ކަމަށާއި އެހެންކަމުން މަޖިލީސް އިންތިހާބުގައި އެކަން ވެސް ކުރާނީ އާންމުކޮށް ކުރާ ގޮތަަށް ކަމަށް ޝަރީފް ވިދާޅުވި އެވެ. މަޖިލީސް އިންތިހާބުގެ އެއްވެސް ހިސާބެއްގައި އިލެކްޓްރޯނިކް ނިޒާމެއް ބޭނުމެއް ނުކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.