ހަބަރު

އިބްތިހާލް މަރުވި ދުވަހު ވެސް ކަރަށް ފިތައި މޭމަތީގައި ތިން ފަހަރު ފައިން ޖެހިން: އާފިޔާ

Jun 15, 2015

މުހައްމަދު އިބްތިހާލްއަކީ "ބައްޕަ ނެތް" ކުއްޖަކަށް ވާތީ އުފެދުނު ރުޅިވެރިކަމުގައި ތަކުރާކޮށް ތަޅައި އަނިޔާ ކުރަމުން ގެންދިޔައިން ކަމަށްބުނެ އިބްތިހާލްގެ މަންމަ ޝަރީއަތުގައި ކުށަށް އިއުތިރާފުވެއްޖެ އެވެ.  

ވ. ރަކީދޫގައި އިބްތިހާލު މަރާލާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.  މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ބުނީ ދަރިފުޅުގެ މައްޗަށް އުފެދުނު ރުޅިވެރި ކަމުގައި ތަކުރާރުކޮށް އަނިޔާކޮށްފައިވާނެ ކަމަށެވެ.

އާފިޔާ ބުނީ އިބްތިހާލު އޭނާގެ ބެލުމުގެ ދަށަށް އައިފަހުން ތަކުރާރުކޮށް އެކި ދުވަސް މަތިން އަނިޔާ ކުރާ ކަމަށާއި އަނިޔާއަށް ކެތް ނުކުރެވިގެން އިބްތިހާލް މަރުވި ދުވަހު ވެސް އަނިޔާ ކޮށްފައިވާނެ ކަމަށާއި

ދަރިފުޅު މަރުވީ އޭނާ އަނިޔާކޮށްގެން ކަމަށެވެ. އެގޮތުން ކަރަށް ފިތާލައި މޭމަތީގައި ތިން ފަހަރު ފައިން ޖަހާފައިވާނެ ކަމަށެވެ.

މިއަދު ޝަރީއަތް ހިންގާފައި ވަނީ އޭނާގެ މައްޗަށް އުފުލި ދެ ދައުވާގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ދެން އުފުލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އިބްތިހާލްގެ ކަރަށް ފިތާލައި، ނޭވާ ހާސްކޮށްލައި، އެ ކުއްޖާގެ މޭމަތީގައި ޖަހާފައިވާތީ އާއި އެކަމުގެ ސަބަބުން އެ ކުއްޖާ އެދުވަހު މަރުވެފައިވާތީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

މިއަދުގެ ޝަރީއަތުގައި އިބްތިހާލަށް ކުރި އަނިޔާތަކުގެ ވާހަކަތައް އާފިޔާ ކިޔައިދޭން ފެށުމުން ގާޒީ ވަނީ އެކަން ހުއްޓުވައި މިއަދުގެ ދައުވާ ސާފުކޮށްދީފަ އެވެ. ނަމަވެސް އާފިޔާ ބުނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ޝަރީއަތުގައި އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި އަދި އެއީ ކޮން ދައުވާއެއްކަން އެނގިގެން ކަމަށެވެ.

އިބްތިހާލް މަރާލި ކަމަށް ބުނެ އާފިޔާގެ މައްޗަށް އުފުލި ދައުވާގައި ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސަން ޝަރީއަތުން މިއަދު ވަނީ އާފިޔާއަށް ފުރުސަތު ދެއްވައިފަ އެވެ.