overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޝަރީފް، އަކްރަމް ފުލުހަށް ހާޒިރުކުރީ ވޯޓް ކަރުދާސްތައް ނައްތާލައިގެން

އިލެކްޝަން ކޮމިޝަން، އީސީގެ ރައީސް އަހުމަދު ޝަރީފާއި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ނިމިގެން މިދިޔަ ރިޔާސީ އިންތިހާބުގައި ބޭނުން ކުރި ވޯޓު ކަރުދާސްތައް ނައްތާލަފައިވާތީ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، ޝަރީފް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އީސީއިން ވޯޓް ކަރުދާސްތައް ނައްތާލާފައިވަތީ އެކަން ސާފު ކުރުމުގެ ގޮތުން ކަމަށެވެ.

އެ ދެ ބޭފުޅުން މިއަދު ފުލުހުންގެ މައި އިދާރާއަށް ވަދެވަޑައިގެންނެވީ ވަކީލުންނާއެކު އެވެ. އެދެބޭފުޅުން ފުލުހަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ، އިންތިހާބުގައި ވޯޓުލުމަށް ބޭނުން ކުރި ވޯޓު ކަރުދާސް މިއަދު ނައްތާލަން ޝްރެޑުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީއާއެކު ކަރުދާސްތައް އަންދާލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ހަގީގަތުގައި މިހާ ގިނަ ދުވަސްވަންދެއް އަޅުގަނޑުމެން ވޯޓު ކަރުދާސް ރައްކާތެރިކަމާއެކީ ބެހެއްޓީ އެނގިވަޑައިގަންނަވާނެ ފަދައިން މި އިންތިހާބާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އަދި އެ މައްސަލަ ނިމި އަދި އޭގެ ފަހުން ވެސް ގާތްގަނޑަކަށް އާންމު ގޮތެއްގައި ގާނޫނީ ގޮތުން ބަހައްޓަން ޖެހޭ މުއްދަތު ފާއިތުވެ މިހާރު އެތަށް ދުވަހެއް ހިނގައްޖެ،" ޝަރީފް ވިދާޅުވި އެވެ. "ވޯޓު ކަރުދާހާއި އެއާ ގުޅުން ހުރި އެހެން އެއްޗެހި ވާނީ ޝްރެޑުކޮށް ނައްތާލެވިފައި،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސްތައް ނައްތާލި ނަމަވެސް އިންތިހާބާ ގުޅޭ ގޮތުން ހުންނަ ލިޔެކިޔުންތައް ނައްތާ ނުލާ ކަމަށެވެ. އިންތިހާބުގެ ރިޕޯޓާއި ވޯޓުން ދިން މީހުންގެ ރަޖިސްޓްރީ އާއި އެފަދަ އެހެން ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތައް ބަލަހައްޓަމުން ގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އިންތިހާބު އޮޅުވާލަން އިލެކްޝަން ކޮމިޝަނުން އަމަލުތަކެއް ހިނގާފައިވާ ކަމަށް ޕީޕީއެމްއިިން ތުހުމަތުކުރެ އެވެ. އެގޮތުން އަނގޮޓިއަކާއި ކެމިކަލްހުރި ވޯޓު ކަރުދާސް ބޭނުންކުރި ކަމުގެ ތުހުމަތު ކުރެ އެވެ. އެ މައްސަލަތަކާއެކު ސުޕްރީމް ކޯޓަށް އިންތިހާބު ބާތިލްކުރަން ވެސް ޕީޕީއެމްއިން ހުށަހެޅި އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ މުޅި އިންތިހާބު ބާތިލްކުރަން ޖެހޭ ކަމެއް ނެތް ކަމަށެވެ. އެކަމަކު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނަމަ އެކަމަށް ހުރަހެއް ނެތް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ ޕީޕީއެމްއިން ވަނީ އެ ތުހުމަތުތައް ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.