ދުނިޔެ

އަލްޖީރިއާގެ އެންމެ ނުރައްކާތެރި ޓެރަރިސްޓް އެެމެރިކާ އިން "މަރާލައިފި"

Jun 15, 2015

އަލްޖީރިއާގައި މީގެ ދެ އަހަރު ކުރިން ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގެ މޭސްތިރިޔާ، އެމެރިކާ އިން ދިން ހަމަލާއެއްގައި މަރާލާފައިވާ ކަމަށް ލީބިއާ އިން މިއަދު ބުނެފި އެވެ.

ލީބިއާ ސަރުކާރުން ބުނި ގޮތުގައި އަލްގައިދާގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ މުހްތާރު ބަލްމުހްތާރާއި އޭނާ އަށް ތަބާވާ އިތުރު ހަނގުރާމަވެރިންތަކެއް މަރާލާފައި ވަނީ އެ ގައުމުގެ އިރުމަތީ އަވަށެއް ކަމަށްވާ އަޖުދަބިޔާގައި އުޅެނިކޮށް، އެމެރިކާ އިން ދިން ވައިގެ ހަމަލާއެއްގަ އެވެ. އެއީ ދެ ގައުމުން ގުޅިގެން ދިން ވައިގެ ހަމަލާއެއް ކަމަށް ވެސް ލީބިއާ އިން ބުންޏެވެ.

ޕެންޓަގަން އިން ވެސް ވަނީ މުހްތާރަށް އަމާޒުކޮށް ލީބިއާގައި ވައިގެ ހަމަލާއެއް ދީފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. އެކަމަކު އެ ހަމަލާގައި އޭނާ މަރުވިކަން އެ އިދާރާ އިން އަދި ޔަގީނެއް ނުކޮށްދެ އެވެ.

"އެ އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތާއި ހާސިލްވި ނަތީޖާ ދެނެގަތުމުގެ މަސައްކަތް މި ދަނީ ކުރަމުން،" ޕެންޓަގަންގެ ތަރުޖަމާނު ސްޓީވް ވޮރެން ވިދާޅުވި އެވެ.

މުހުތާރު މަރާލާފައިވާ ކަމަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ބުނެފައިވެ އެވެ. އެކަމަކު އެފަދަ ކޮންމެ ރިޕޯޓެއް މިހާތަނަށް ވަނީ ދޮގުވެފަ އެވެ.

އަލްޖީރިއާ އަށް އުފަން މުހުތާރަކީ އުތުރު އަދި އިރުމަތީ އެފްރިކާގެ ގިނަ ގައުމުތަކެއްގައި ހަރަކާތްތެރިވާ އަލްގައިދާގެ ގޮފި، އަލްގައިދާ އިން މަގުރިބު (އޭކިއުއެމް) ޖަމާއަތުގެ ކުރީގެ އިސް ކޮމާންޑަރެކެވެ. އެ ޖަމާއަތުން ވަކިވެ، އޭނާ ވަނީ އަލްމުރައްބިތޫންގެ ނަމުގައި އަމިއްލަ ހަނގުރާމަވެރި ޖަމާއަތެއް އުފައްދާފަ އެވެ. އަލްގައިދާއާ ވެސް ގުޅުން އޮންނަ އެ ޖަމާއަތުގެ ހުރިހާ ކަމެއް ބަލަހައްޓަނީ މުހުތާރެވެ.

އެކަމަކު ދުނިޔޭގެ ސަލާމަތީ ބާރުތަކުގެ ރާޑަރަށް މުހުތާރު އެރީ އަލްޖީރިއާގެ އިރުމަތީ ބިތުގައި އޮންނަ އަލް އަމާނާސް އަވަށުގެ ގޭސް ޕްލާންޓެއް ޖެނުއަރީ 2013 ގައި ހިސޯރުކޮށް އެ ތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ރަހީނުކުރި މައްސަލަ އަށް ފަހު އެވެ. މުހުތާރުގެ ޖަމާއަތުން ގޭސް ޕްލާންޓްގައި އަލްޖީރިއާގެ 600 އަށް ވުރެ ގިނަ މީހުންނާއި ސަތޭކައެއްހާ ބިދޭސީން ރަހީނުކުރި އެވެ.

ހަނގުރާމަވެރިންގެ ކިބައިން ޕްލާންޓްގެ މުވައްޒަފުން ސަލާމަތްކުރުމަށް ހިންގި ހަރަކާތް ނިމިގެން ދިޔައީ ދެ ފަރާތުން ވެސް ވަރުގަދަ އަށް ހަމަލާ ބަދަލުކޮށް އެތައް ބަޔަކު މަރުވެގެންނެވެ. ސިފައިންގެ ހަމަލާތަކުގައި 32 ހަނގުރާމަވެރިޔަކު މަރާލިއިރު، ރަހީނުކުރި މީހުންގެ ތެރެއިން 23 މީހަކު ވެސް މަރުވި އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި ފްރާންސް އަދި އެމެރިކާ އާއި ރޮމޭނިއާގެ މީހުން ހިމެނުނެވެ.

ގޭސް ޕްލާންޓް ހިސޯރުކޮށް އެ ތަނުގެ މުވައްޒަފުން ރަހީނުކުރުމަށްފަހު، މުހުތާރު ބާރުއަޅަމުން ދިޔައީ މާލީގައި ފްރާންސުން އޭރު ކުރިއަށް ގެންދިޔަ އަސްކަރީ ހަރަކާތް ހުއްޓާލުމަށާއި ހައްޔަރުކޮށްފައި ތިބި ހަނގުރާމަވެރިންގެ ބަޔަކު ދޫކޮށްލުމަށެވެ. އެ ގްރޫޕުން ގޭސް ޕްލާންޓް ހިސޯރުކުރީ މާލީގެ ހަނގުރާމަވެރިންނާ ދެކޮޅު ހަރަކާތަށް އަލްޖީރިއާގެ ވައިގެ ސަރަހައްދު ފްރާންސަށް ހުޅުވާލިތާ އެއް ދުވަސް ފަހުންނެވެ.