ހަބަރު

އިބޫ އާއި ގާސިމް އުމްރާއަށް ފުރާވަޑައިގެންފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އުމްރާއަކަށް ފުރާވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ އެސްޖީ އަހުމަދު ސަމީރު ވިދާޅުވީ، އިބޫ އާއި ގާސިމް އުމްރާއަކަށް މިއަދުގެ ވަގުތެއްގައި ފުރާވަޑައިގެންފައިވާ ކަމަށެވެ. އިބޫ އަދި ގާސިމްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރާއި މުހައްމަދު ވަހީދު، ވައްޑެއާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ނާޒިމް ސައްތާރުވެސް އުމްރާއަށް ވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ،

އުމްރާއަކަށް ސައުދި އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން އިބޫ އަމިއްލަ ދަތުރުފުޅެއްގައި ބޭރަށް މީގެކުރިން ވަޑައިގެންނެވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު ރާއްޖެ ވަޑައިގަތުމަށް ސްރީލަންކާއަށް ވެސް ވަޑައިގެންނެވި އެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މި މަހުގެ 17 ވަނަ ދުވަހު ބާއްވާއިރު އެ ރަސްމިއްޔާތަށް ސައުދި އަރަބިއްޔާގެ އިސް ބޭފުޅުންނަށް ވެސް ވަނީ ދައުވަތު ދެއްވާފަ އެވެ. ސައުދި އަރަބިއްޔާއަކީ އިބޫއަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.