overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޕީޕީއެމްއަށް ފުލުހުންނާއި މުއައްސަސާތައް ގޯސްވެއްޖެ

ޕީޕީއެމްއާ މެދު އިލެކްޝަން ކޮމިޝަނުން ޒާތީވެފައިވާ ކަމަށާއި އެ ޕާޓީ އިން ފުލުހަށް ހުށަހެޅި ވޯޓު ކަރުދާހާ ބެހޭ މައްސަލަ ބަލަން މުއައްސަސާތަކުން ނުކުޅެދިފައިވާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ޕީޕީއެމް އިން ހުށަހެޅި މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ތަހުގީގު ކުރުމުގެ ޖާގަ އޮތް ކަމަށް ސުޕްރީމް ކޯޓުން ނިންމައި، އެ މައްސަލަ ފުލުހަށް ހުށަހަޅާ އެ އިދާރާއިން މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އެންމެ މުހިންމު އެއް ހެއްކެއް ކަމަށްވާ ވޯޓު ކަރުދާސްތައް އީސީ އިން ނައްތާލާފައިވާ ކަމަށެވެ. އެކަން އެކުރީ ބޮޑެތި ގޯސްތަކެއް ހަދާފައިވާތީ ކަމަށާއި އެފަދަ ބޮޑު ކަމެއް ހިނގި އިރު މުއައްސަސާތަކުން އެކަންކަން ބަލަން ނުކުޅެދިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ފުލުހަށް މި މައްސަލަ ހުށަހެޅިކަން މީޑިއާތަކުންނާއި ޕާޓީ އިން ވާނީ އެ ވާހަކަ ދަންނަވާފައި، އެހެންވެ އީސީގެ ބޭފުޅުން ތިމަންނަމެންނަށް ތަހުގީގު ކުރާކަން އެނގިވަޑައި ނުގަންނަވައޭ ވިދާޅުވާ ވިދާޅުވުމަކީ ކަނޑައެޅިގެން އިތުރުފުޅެއް، މިއަދު ރައްޔިތުންނަށް ގަބޫލު ކުރެވޭނެ ވޯޓު އޮޅުވާލި ވާހަކަ މިދެއްކީ ސަބަބެއް އޮވެގެން ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވޯޓު ކަރުދާސްތައް ނައްތާލުމާއެކު މިހާރު ކުރިމަތިވެފައި ވަނީ ޖިނާއީ މައްސަލައެއް ކަމަށާއި މުއައްސަސާތަކުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ މައްސަލަ ބަލާ ހެކި ނައްތާލި ފަރާތްތަކަށް ފިޔަވަޅު އަޅާ މައްސަލަ ބަލަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްއާ ދޭތެރޭ އީސީ އިން އަމަލު ކުރަނީ ކަނޑައެޅިގެން އެހެން ޕާޓީތަކާ ތަފާތުކޮށްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެގޮތުން އެ ޕާޓީއަށް ފައިސާ ނުދިނުމާއި ޕީޕީއެމްގެ ލީޑާޝިޕާ އެއްވެސް ވަރަކަށް މުއާމަލާތް ނުކުރާނެ ކަމަށް ބުނެފައިވާ ކަން ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ މިނިވަން މުއައްސަސާއަކަށް ވުރެ ބޮޑަށް މިއަދު އީސީއަކީ "ޒާތީ މުއައްސަސާއެއް" ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ވޯޓު ކަރުދާހުގެ މައްސަލަ ހެއްކާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާ އާއި ތިން ވަނަ މާއްދާއާ ހަވާލާދީ ކިތާބީ ހެއްކަކީ ކޮން ކަހަލަ ހެއްކެއް ކަމަށް ބަޔާން ކުރާ އުސޫލު އޮންނާނެ ކަމަށެވެ. އެފަދަ ހެއްކެއް ނައްތާލުމަކީ ގޯހެއް ހެދި ކަމަަށް ނުސީދާ ގޮތެއްގައި އެ ކޮމިޝަނުން އިއުތިރާފުވުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"މިއީ މި ދިވެހިރާއްޖޭގެ ހަޔާތުގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާ، މިއަދު މިކަން ބަޔަކަށް މުހިންމު ކަމަކަށް ނުވެދާނެ، ނަމަވެސް މި ދިވެހި ޖުމްހޫރިއްޔާ ކުރިޔަށްދާހާ ދުވަހަކު މި ދިވެހިރާއްޖެ މިނިވަން މުސްތަގިއްލު ވެރިކަމަކާއެކު ކުރިޔަށް ދާހާ ދުވަހަކު މި ވާހަކަ ކޮންމެވެސް ހިސާބަކުން އަލުން އަނބުރާ ނަގާނެ،" ނިހާން ވިދާޅުވި އެވެ.

އީސީ އިން ބުނީ އެ ކޮމިޝަނުން ވޯޓު ކަރުދާސްތައް ނައްތާލާފައި ވަނީ އެ ކަރުދާސްތައް ނައްތާލަން ޖެހޭ ގާނޫނީ މުއްދަތު ފަހަނަ އަޅާ ދިޔުމާއި އެކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމުމުން ކަމަށެވެ. އަދި ވޯޓު ކަރުދާހާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމެއް ނޭނގޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ވޯޓު ކަރުދާސްތައް ނައްތާލި މައްސަލާގައި ފުލުހުން ވަނީ އީސީގެ ރައީސް އަހުމަދު ޝަރީފް އާއި ތަރުޖަމާނު އަހުމަދު އަކްރަމް ހާޒިރުކޮށް އެކަމާ ސުވާލުކޮށްފަ އެވެ.