ދުނިޔެ

ދެކުނު އެފްރިކާ ކޯޓުގެ އަމުރަށް ގޮންޖައްސަވައި ސޫދާންގެ ރައީސް އެނބުރި ގައުމަށް!

Jun 16, 2015

ދެނުކު އެފްރިކާ އިން ފުރާވަޑައިގަތުން އެ ގައުމުގެ ކޯޓަކުން މަނާކޮށްފައި އޮއްވަައި ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު ދެކުނު އެފްރިކާ ދޫކުރައްވައި އެނބުރި ގައުމަށް ވަޑައިގެންފި އެވެ.

ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތުކުރާ ބަޝީރު ޖޮހަނަސްބާގަށް ވަޑައިގަތީ އެފްރިކަން ޔޫނިއަން (އޭޔޫ) ގެ ސަމިޓުގައި ބައިވެރިވެޑައިގަތުމަށެވެ. އެ ދަތުރުފުޅު ފެއްޓެވުމާ އެކު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން ވަނީ ބަޝީރު ހައްޔަރުކުރުމަށް ދެކުނު އެފްރިކާ އަށް ގޮވާލާފަ އެވެ.

އެއާ އެކު، ބަޝީރު ހައްޔަރުކޮށް އައިސީސީއާ ހަވާލުކުރުމާ މެދު އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ މަނިކުފާނަށް ދެކުނު އެފްރިކާ ދޫކޮށް ވަޑައި ނުގެންނެވޭނެ ކަމަށް ނިންމައި އެ ގައުމުގެ ޕްރެޓޯރިއާގެ ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަގުތީ އަމުރެއް ނެރުނެވެ. ކުރިން ތާވަލްކޮށްފައި އޮތް ގޮތަށް، އެ މައްސަލައިގައި ހުކުމް އިއްވުމުގެ މަޖިލިސް ވެސް އެ ކޯޓުން އިއްޔެ ބޭއްވި އެވެ. އެކަމަކު، އޭރު ބަޝީރު ދެކުނު އެފްރިކާ އިން ފުރާވަޑައިގެންފައި ވާތީ ވަކި ގޮތެއް ނުނިންމަ އެވެ.

ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ސަމިޓަށް ފަހު އެނބުރި ގައުމުތަކަށް ވަޑައިގެންނެވި އޭޔޫގެ ވެރިންގެ ތެރޭގައި ބަޝީރުގެ ނަންފުޅު ނެތް ކަމަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން، ދެކުނު އެފްރިކާގެ ސްޓޭޓް އިންފޮމޭޝަން މިނިސްޓަރު ވަނީ ބަޝީރު ފުރާވަޑައިގެންފައިވާކަން ރޮއިޓާސް ނޫސް އެޖެންސީ އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ބަޝީރު ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ދެކުނު އެފްރިކާ އަށް ގޮވާލާފައި އޮއްވާ ވެސް އެ ގައުމުގެ ސަރުކާރުން ބަޝީރަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އަދި އައިސީސީ އަށް ފާޑުކިޔައި، ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ވެރިންނަށް ހިމާޔަތް ދޭނެ ކަމުގެ ޔަގީންކަން ވެސް ވެރިކަންކުރާ އެފްރިކަން ނެޝެނަލް ކޮންގްރެސް (އޭއެންސީ)ން ސަމިޓުގެ ކުރިން ދީފައިވެ އެވެ.

"އައިސީސީ އުފެއްދި މަގުސަދުތައް ހާސިލްކުރުމަށް އެ ކޯޓުގެ ބޭނުމެއް މިހާރު ނުހިފޭ،" އައިސީސީގެ ގޮވާލުމާ ގުޅިގެން އޭއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އައިސީސީ އާއި އޭޔޫއާ ދެމެދު އޮންނަ ގުޅުން ވެސް މާ ރަނގަޅެއް ނޫނެވެ. އެފްރިކާގެ ލީޑަރުންނަށް އެކަނި އަމާޒުކޮށް އައިސީސީން އަމުރުތައް ނެރެމުންދާ ކަމަށް ތުހުމަތުކޮށް، އެ ޖަމާއަތުން ވަނީ އެކަން ހުއްޓާލުމަށް އައިސީސީ އަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. އަދި ދެކުނު އެފްރިކާގެ ކޯޓުން ވަގުތީ އަމުރު ނެެރެފައި އޮއްވާ ވެސް ބަޝީރު ވަނީ އޭޔޫގެ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ އިސް ވެރިންނާ އެކު ފޮޓޯ ނަަންގަވާ ހައްދަވާފަ އެވެ.

ސޫދާނުގެ ދާފޫރުގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ މައްސަލައިގައި ބަޝީރު ހައްޔަރު ކުރުމަށް އައިސީސީން ވަނީ ދެ އަމުރެއް ނެރެފަ އެވެ. އެފަދަ އަމުރުތައް ތަންފީޒުކުރަން މެމްބަރު ގައުމުތަކަށް ލާޒިމްކުރިޔަސް، އެ އަމުރުތައް ތަންފީޒުކުރެވޭނެ ހަމައެކަނި ގޮތަކީ ދެކުނު އެފްރިކާ ފަދަ އައިސީސީގެ މެމްބަރު ގައުމުތަކުން އިސް ނަގައިގެން އެއްބާރުލުން ދިނުމެވެ.

މިކަމާ ގުޅޭ ގޮތުން އައިސީސީން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު، އެ ކޯޓުގެ އިސް ވަކީލެއް ކަމަށްވާ ޖޫލިއަން ނިކޯލްސް ވަނީ އައިސީސީގެ އަމުރާ ހިލާފުވުމުގެ ސަބަބުން ދެކުނު އެފްރިކާ އަށް އަދަބެއް ދޭން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި ބަޝީރު ހައްޔަރުކުރުމަށް އެ އައިސީސީން ހުއްޓައިނުލާ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަޝީރު ހައްޔަރުކޮށް [އައިސީސީއާ] ހަވާލުކުރަން ދެކުނު އެފްރިކާ ނުކުޅެދުނު މައްސަލައިގައި އެ ގައުމާ މެދު އެޅޭނެ ފިޔަވަޅެއް އަހަރުމެން ބަލާނަން،" ޖޫލިއަން ވިދާޅުވި އެވެ.

އައިސީސީން ނެރެފައިވާ އަމުރުތަކުގެ ސަބަބުން ގައުމުން ބޭރަށް ބަޝީރު އާއްމުކޮށް ދަތުރުކުރައްވައެއް ނޫޅުއްވަ އެވެ. އެ މަނިކުފާނު ވަޑައިގަންނަވަނީ އެފްރިކާ އާއި މެދުއިރުމަތީގެ ރަހުމަތްތެރި ގައުމުތަކަށް އެކަންޏެވެ.

ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމުގެ ގޮތުގައި އޮތް ސޫދާންގެ ދަރުފޫރުގައި ވަކިވެ ގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންނާއި ސަރުކާރާ ދެމެދު ކުރިމަތިލުންތައް ފެށުނީ 2003 ވަނަ އަހަރު އެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން މިހާތަނަށް ތިން ލައްކައެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން އަންދާޒާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގައި މަރުވި މީހުންނެވެ.